ޖަސްޓިން ބެލްޑޯނީ އާއި ބްލޭކް ލައިވްލީގެ ގާނޫނީ ކޯޅުމުގެ ވާހަކައަކީ މި ދުވަސްވަރު ހޮލީވުޑްގެ ފަލަ ސުރުހީތަކުން ޖާގަ ހޯދަމުން އަންނަ ވާހަކަ ތަކެކެވެ.

އެ ދެމީހުންގެ ގާނޫނީ ކޯޅުމަށް އަހަރެއް ވާން ކައިރިވެފައިވާއިރު އެންމެ ފަހުން ޖަސްޓިން އަމާން ދިން ކަން ދޭހަވާ ފަދަ ނިންމުމެއް އޭނާ މިވަނީ ނިންމާފަ އެވެ.

އެގޮތުން ޖަސްޓިން ބްލޭކްއަށް ކުރި 400 މިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ ކޯޓުން ބޭރުކޮށްލުމުން އެ ދައުވާ އަލުން ނުކުރާނެ ކަމަށް ޖަސްޓިންގެ ވަކީލުން ވަނީ ބުނެފަ އެވެ.

ޖަސްޓިންގެ ވަކީލެއް ކަމަށްވާ ބްރަޔަން ފްރީޑްމަން ބުނީ ޖަސްޓިންގެ ދައުވާތައް ބޭރުކޮށްލަން ކޯޓުން ނިންމި ނަމަވެސް އެކަމުން ހަގީގަތަށް ބަދަލެއް ނާންނާނެ ކަމަށެވެ.

ޖަސްޓިންގެ މި ނިންމުމާއެކު އެ ދެމީހުންގެ މެދުގައި ހިނގަމުން އަންނަ ގާނޫނީ ކޯޅުމަށް މުޅިން އާ މިސްރާބެއް ފެނުނީ އެވެ. މިއާއެކު ދެން މި މައްސަލާގައި ވާނެ ގޮތެއް ނޭނގެ އެވެ.

ބްލޭކް އާއި ޖަސްޓިންގެ ކޯޅުން ފެށުނީ އެ މީހުން އެކުގައި މަސައްކަތްކުރި ފިލްމު "އިޓް އެންޑްސް ވިތު އަސް"ގެ ސެޓުގައި ޖަސްޓިންގެ ފަރާތުން ޖިންސީ ފުރައްސާރައާއި ނާއިންސާފު ތަފާތުކުރުންތައް ކުރިމަތިވި ކަމަށް ބުނެ ބްލޭކް ދައުވާ ކުރުމުންނެވެ.

ބްލޭކްގެ އެ ދައުވާގެ ރައްދުގައި ޖަސްޓިން ވަނީ ބްލޭކްއާއި އޭނާގެ ފިރިމީހާ ރަޔާން ރެނޯލްޑްސްއަށް އަބުރުގެ ދައުވާ ކޮށްފަ އެވެ.