ވަކި ފަރާތަކަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ގާނޫނުތައް ހެދުމުން ދުރުހެލިވުމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސެއިން ޝަރީފް ގޮވާލައްވައިފި އެވެ.

އޭނާ މިފަދައިން ގޮވާލެއްވީ، ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭގޮތުން މަޖިލީހުގައި މިހާރު ހިނގަމުންދާ ބަހުސްގެ ތެރެއިންނެވެ.

ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި، އެންމެ އަހަރެއްގެ މުއްދަތަށް ފަނޑިޔާރުކަން ކުރުމަށްފަހު ރިޓަޔާ ކުރާ ފަނޑިޔާރުންނަށް ވެސް ރިޓަޔާމެންޓުގެ ފައިސާ ލިބޭ ގޮތަށް އޮތުމާ ދެކޮޅު ހައްދަވައި ހުސެއިން ވިދާޅުވީ މަޖިލީހުގައި ތިއްބެވި ހުރިހާ މެންބަރުން ވެސް އިންސާފާއި ހަމަހަމަ ކަމަށް ލޯބިކުރެއްވުން މުހިންމު ކަމަށެވެ. އަދި އެޓާނީ ޖެނެރަލް ފޮނުއްވި ކަމަށް ވިޔަސް ވަކި ފަރާތަކަށް އިނާޔަތް ދިނުމަށް ގާނޫނުތަކަށް ބަދަލު ނުގެނައުމަށް އޭނާ ގޮވާލެއްވި އެވެ.

މަޖިލީހުން ނެރޭ ނިންމުންތަކަކީ ރައްޔިތުންނަށް ބަލައިގަނެވޭ ނިންމުންތަކަކަށް ހަދަން ޖެހޭނެ ކަމަށް ވެސް ހުސެއިން ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ފަނޑިޔާރުކަމުން ރިޓަޔާ ކުރުމުން އިނާޔަތް ލިބޭ ގޮތަށް އުމުރުން 55 އަހަރު ފުރުމުންނާއި ގާނޫނު ބަދަލުކޮށް އަމިއްލައަށް ވަކިވުމުން ވެސް ރިޓަޔާވެވޭ ގޮތަށް ހިމަނާފައިވެ އެވެ.

ހުސެއިން ވިދާޅުވީ ދިވެހި ގައުމަށް އެތައް އަހަރެއް ވަންދެން ހިދުމަތް ކޮށްދޭ އާންމު ރައްޔިތު މީހާއަށް ރިޓަޔާމެންޓުގެ ގޮތުގައި ކުޑަ އުޖޫރައެއް ލިބޭއިރު ފަނޑިޔާރުންނާއި މަޖިލިސް މެންބަރުންގެ އިތުރުން ރައީސްކަން ކުރައްވާ ބޭފުޅުން އަދާ ކުރައްވާ ކުރު މުއްދަތުގެ ހިދުމަތަށް ބޮޑެތި އިނާޔަތްތައް ދިނުމަކީ އިންސާފު ނޫން ކަމަށެވެ. އަދި ގިނަ މުއްދަތަށް ދައުލަތަށް ހިދުމަތް ކުރާ އާންމު ރައްޔިތު މީހާ ރިޓަޔާ ކުރުމުން ލިބެނީ ދިހަހާހެއްހައި ރުފިޔާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައިވާ ގޮތުން އެންމެ އަހަރަކު ފަނޑިޔާރުކަން ކުރާ މީހާ ވެސް ރިޓަޔާ ކޮށްފިނަމަ ބޮޑު އިނާޔަތެއް ލިބޭނެ މަގުފަހިވެގެންދާ ކަމަށް ހުސެއިން ވިދާޅުވި އެވެ.

މަޖިލީހުގެ ހުރިހާ މެންބަރުން ވެސް ގައުމީ މަސްލަހަތަށް ވިސްނައި ރައްޔިތުންނަށް އަދުލުވެރިކަމާއެކު ހަމަހަމަ އުސޫލަކުން ކަންކަން ލިބޭ ގޮތަށް ބައިންދަންވާނެކަން ފާހަގަކުރައްވައި އެކަމަށް ޝަރީފް ވަނީ ގޮވާލައްވާފަ އެވެ.