ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު މިއަހަރުގެ ސެޕްޓެމްބަރު މަހަށް ނިމޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މުއްތަލިބް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މަޝްރޫއުގެ ތެރެއިން ރަންވޭގެ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށާއި، މުޅި މަޝްރޫއުގެ 88.7 ޕަސެންޓު ނިމިފައިވާ ކަމަށެވެ. އަދި އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލުގެ 83 ޕަސެންޓު މަސައްކަތް ނިމިފައިވާކަމަށާއު، އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި ހޭންގަރާއި ކާގޯ ބިލްޑިންގެ 96 ޕަސެންޓުވެސް ނިމިފައިވާ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު.

މިނިސްޓަރު ވިދާޅުވީ، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މި މަޝްރޫއު އެއްކޮށް ނިންމާލެވޭނެކަމަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ.

އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ކުރިޔަށް ގެންދާ މި މަޝްރޫއުގެ ދަށުން ބޮޑު މިނުގައި 42،000 އަކަފޫޓު ހުންނަ އޭޕްރަނަކާއި، 2،400 މީޓަރުގެ ރަންވޭއަކާއި 10،500 އަކަމީޓަރުގެ ޕެސެންޖާ ޓާމިނަލެއް ތަރައްގީ ކުރުމުގެ އިތުރުން، 3،800 އަކަމީޓަރުގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި، އާމް އަދި ފިއުލް ޖެޓީގެ މަސައްކަތްތަކެއް ކުރަން ވަނީ ނިންމާފަ އެވެ.