މިދިޔަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ޒުވާނުން ސިލްސިލާކޮށް ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި އިސްވެ އުޅުނު އަބްދުالله މަހުޒޫމް މާޖިދު އާއި އައިޝަތު ޝިމަންގެ މައްޗަށް ދައުވާ އުފުލައިފި އެވެ.
ފުލުހެއްގެ ގައިގައި އަތްލުން ނުވަތަ އަނިޔާއެއް ކުރުމުގެ ކުށުގެ ދައުވާ މަހުޒޫމްގެ މައްޗަށް އުފުލާފައިވާއިރު، ޝިމަންގެ މައްޗަށް ކުރަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ.
މިގޮތުން މަހުޒޫމްގެ މައްޗަށް ދައުވާ އުފުލަނީ ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ ހ. ގެ އެއްވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ ށ. ގެ ތިންވަނަ ނަންބަރުގެ ދަށުން ކަމަށެވެ.
މި މާއްދާގެ ހ. ގައިވާ ގޮތުން މީހެއްގެ ރުހުމަކާ ނުލައި އޭނާގެ ގައިގައި އަތްލުން ނުވަތަ އޭނާއަށް އަނިޔާއެއް ކުރުމަކީ ކުށެކެވެ. އަދި ށ. ގައި ބުނެފައިވަނީ އެ އަމަލުގެ ސަބަބުން އަނިިޔާ ލިބުނު ފަރާތަކީ ފުލުހެއް ނުވަތަ ސިފައިންގެ މީހެއް ކަމުގައިވުން ހިމެނޭ ކަމަށެވެ.
މި ގާނޫނާ ހިލާފުވާ ފަރާތަކަށް އަސާސީ އަދަބުގެ ގޮތުގައި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާއިރު، އެ ކުށަށް ދެވޭ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.
މަހުޒޫމްގެ އިތުރުން ޝިމަން ގެ މައްޗަށް ދައުލަތުން ދައުވާކޮށްފައި ވަނީ ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ ހ. އާ ހަވާލާދީ އެ މާއްދާގެ ށ. އާއި ގުޅިގެންނެވެ.
މި މާއްދާގެ 532 ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކު ނުވަތަ މީހުން ބަންދުގައި ބައިތިއްބާ ތަނެއް ބަލަހައްޓާ މުވައްޒަފެއްކަން އެނގި ހުރެ، ރަސްމީ ހައިސިއްޔަތުން ކުރުން ހުއްދަ ކަމެއް ކުރުން ގަސްދުގައި ހުއްޓުވުން ނުވަތަ އެކަމަށް ހުރަސްއެޅުން ނުވަތަ އެކަމެއް ކުރިއަނުދިނުމަކީ ކުށެއް ކަމަށެވެ.
މި ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ކުށަށް ދެވޭ އެންމެ ބޮޑު އަދަބަކީ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.
މީގެ ކުރިން މުޒާހަރާ ކުރަމުން ދަނިކޮށް މުޒާހަރާ ރޫޅާލާނެ ކަމުގެ އިންޒާރެއް ވެސް ނުދީ ފުލުހުން ވަނީ ޝިމަން އާއި މަހުޒޫމް ހައްޔަރުކޮށްފަ އެވެ. މިކަމުގެ ތެރޭގައި އޭރު އެ ދެމީހުންނަށް އެކި ވަރުގެ އަނިޔާވެސް ލިބުނެވެ. އޭގެ ފަހުން އެމީހުން ދޫކޮށްލުމުން އެ ދެމީހުންވެސް ވަނީ އަނެއްކާވެސް ޔުމްނު އަށް އިންސާފު ހޯދައިދޭން ޒުވާނުން ކުރިއަށް ގެންދިޔަ ސުލްހަވެރި އިހުތިޖާޖުތަކުގައި ބައިވެރިވެފަ އެވެ.