ސިންގަޕޫރު (10 އޭޕްރީލް) ސިންގަޕޫރުގެ މުސްލިމް ނަރުހުންނަށް ޔުނީފޯމާއެކު ބުރުގާ އެޅޭނެ ގޮތް ސަރުކާރުން ހަމަޖައްސައިދޭން ޖެހޭނެ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ލީ ސިއެން ލޫންގް ވިދާޅުވެއްޖެ އެވެ.
ސިންގަޕޫރުގެ ބައެއް ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލު ވުމަކަށްފަހު ރިޕޯޓަރުންނާ ވާހަކަ ދައްކަވަމުން ލީ ވިދާޅުވީ މީހުންގެ ވިސްނުމާއި ފިކުރު ބަދަލު ވެއްޖެ ކަމަށާއި ބުރުގާ އެޅުމަކީ މިހާރު އާއްމު ކަމެއް ކަމަށެވެ. އަދި އެ މީހަކު އަމިއްލައަށް ބޭނުންވެގެން ބުރުގާ އަޅާނަމަ އޭގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވަމުން ލީ އިތުރަށް ވިދާޅުވީ މި ސަބަބުތަކަށްޓަކައި ނަރަހުންނަށް ބުރުގާ އެޅުން ހުއްދަކުރަން ސަރުކާރުން ވިސްނަމުން ދާ ކަމަށެވެ.
ނަމަވެސް އެފަދަ ބަދަލެއް ގެނައުމުގެ ކުރިން ވިސްނަން ޖެހޭ ބައިވަރު ކަންތައްތައް އެބަހުރި ކަމަށާއި އާއްމުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރަން ޖެހޭ ކަމަށް ވެސް ލީ އޭނާގެ ވާހަކަފުޅުގައި ވިދާޅުވި އެވެ. އަދި އެއީ ވަގުތުން ގެނެވޭނެ ބަދަލެއް ނޫން ކަމަށާއި އެކަމަށް ވަގުތު ނަގާނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
މީޑިއާއަށް ދިން އިންޓަވިުއެއްގައި މުފްތީ ޑރ. ނަޒީރުއްދީން މުޙައްމަދު ނާޞިރު ވިދާޅުވީ މިއީ ދީނީ މިނިވަން ކަމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި ދީނުގެ ކަންކަން ކުރުމުގެ ފުރިލަމަ އިޚްހިޔާރާއި ހައްގު ކޮންމެ މީހަކަށްވެސް އޮންނަން ޖެހޭނެ ކަމަށެވެ.
މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ ސިންގަޕޫރުގައި ނަރުހުންގެ ގަވާއިދުގައ ޔުނީފޯރމާއެކު ބުރުގާ އެޅުމަކީ މަނާ ކަމެކެވެ. -- އަލް އަރަބިއާ