ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ދިވެހިންގެ ޝަރަފާ ފަޚުރާ ގުޅިފައިވާ ވަރަށް މުގައްދަސް ބިނާއެކެވެ. ބޭރުގެ ބާރުތަކުގެ އަތްދަށުން އެއާޕޯޓު މިނިވަންކުރުމުގެ މުހިންމު އެހާމެ ނާޒުކު ދެ އިހުތިޖާޖެއް ދިވެހިން ވަނީ މާޒީގައިކޮށްފަ އެވެ. އޭގެ ތެރެއިން ކޮންމެ ފަހަރަކު ވެސް އެމީހުން އެ މަސައްކަތް ކާމިޔާބު ކުރި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފެށުމަކީ ހުޅުލޭގައި އިނގިރޭސިން ދަގަނޑު ފިލާ އަތުރައިގެން ހެދި ކުޑަ ރަންވޭއެކެވެ. އެކަން އެ މަގުން ހިނގަން މެދުވެރިވީ އޭރު ދިވެހި ގައުމުގެ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ވެރިޔާ ސުމުއްވުލް އަމީރު އިބްރާހިމް ނާސިރު، ރާއްޖެއަށް އެއާޕޯޓެއް މުހިންމު ކަމަށް ދެކެވަޑައިގެންނެވުމެވެ. ރިޔަލާއި ފަލީގައި ނޫން ގޮތަކަށް ދަތުރުކުރަން ނުދަންނަ ދިވެހިންގެ އާންމު ޚިޔާލު އެއާޕޯޓަކާ ހަމަޔަކަށް އޭރަކު އަދި ނުދެ އެވެ.
އެހެން ނަމަވެސް އައްޑުއަތޮޅުގެ ގަޑުބަޑު ނިމި ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާއި އޮތް ގުޅުން އާންމު ހާލަތަށް އައުމުގެ މަގުމަތީގައި ކުރެވުނު މަޝްވަރާގެ ތެރެއިން، މާލޭގައި މަތިންދާ ބޯޓު ޖެއްސޭނެ އިންތިޒާމު ހެދުމަށް އިނގިރޭސި ސަރުކާރުން ހުށަހެޅި އެވެ. އޭރު މާލޭގެ ބޮޑު ފާރުން ބޭރުގައި ވެސް އެމީހުން ބޭނުންވި ވަރުގެ އެއާޕޯޓެއް ހަދަން ބޭނުންވާ ވަރުގެ ބިން އޮތެވެ. އެހެން ނަމަވެސް ނާސިރު ބޭނުންފުޅުވީ މާލެއާ ކައިރީގައި އޮތް ހުޅުލޭގައި އެއާޕޯޓު ހަދާށެވެ.
އިނގިރޭސިން ދަގަނޑު ފިލާ އަތުރައިގެން ހެދި ރަންވޭ އަށް ޖައްސާ ބޯޓުފަހަރުގެ ޒަރީއާއިން ދިވެހި ސަރުކާރުން ހާސިލު ކުރަން ބޭނުންވީ އެންމެ ކަމެކެވެ. އެއީ ރާއްޖޭގައި އޭރު ނާސިރު ގާއިމުކުރައްވާފައި އޮތް، ތައުލީމީ ނިޒާމުގައި ކިޔަވާދޭން ގެންނަ ލަންކާ މުދައްރިސުންނަށް ބޯޓުން ޖާގަ ލިބުމެވެ. ފުރަތަމަ ކޮޅު އެކަން ރަނގަޅަށް ދިޔަ ކަމުގައި ވިޔަސް ފަހުން އިނގިރޭސިން އެއާޕޯޓު ބޭނުން ކުރަން ފެށީ ސިޔާސީ ގޮތުން އެމީހުންގެ ނުފޫޒު ސަރުކާރަށް ފޯރުވާ ހަތިޔާރަކަށެވެ. އެހެން ނަމަވެސް ނާސިރަކީ ކިތަންމެ ބޮޑު ނަމަވެސް ބާރެއްގެ ނުފޫޒުގެ ދަށުގައި ވާން ރުހިވަޑައިގަންނަވާ ބޭފުޅަކަށް ނުވާތީ އިނގިރޭސިންގެ އަތް ދަށުން އެއާޕޯޓު މިނިވަން ކުރެއްވުމުގެ މަސައްކަތް ފެށްޓެވި އެވެ. ހުޅުލޭގައި އޮތް އިނގިރޭސިންގެ ދަގަނޑު ފިލާ ރަންވޭ ބަންދު ކުރެއްވި އެވެ. އެ މީހުންގެ ނުރުހުމުގަ އެވެ. އެއަށްފަހު ދިވެހި ރައްޔިތުންގެ ފައިސާއާއި މަސައްކަތުން ހުޅުލޭގައި އެއާޕޯޓެއް ގާއިމުކުރެއްވި އެވެ. އެ މަސައްކަތުގައި ރާއްޖޭގެ ހުރިހާ ހިސާބަކުން މީހުން އަމަލީ ގޮތުންނާއި ފައިސާގެ ދީލަތި އެހީގެ ޒަރީއާއިން ބައިވެރިވި އެވެ. އެ މަސައްކަތް ކާމިޔާބުކުރައްވައި، ދިވެހިންގެ އެއާޕޯޓު ދިވެހިންނަށް އެންމެ ފުރިހަމަ މާނައިގައި ހޯއްދަވައި ދެއްވި އެވެ.
ރައީސް ނާސިރު ދިވެހިންނަށް ހޯއްދަވައި ދެއްވި ފަޚުރުވެރި އެއާޕޯޓު، ތަރައްގީގެ ތަފާތު ބަދަލުތަކާއެކު ބައިނަލްއަގުވާމީ ވައިގެ ބަނދަރެއްގެ ގޮތުގައި 2008 ވަނަ އަހަރާ ހަމަޔަށް ދެމި އޮތެވެ. 2008 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް އައި ބަދަލާއި ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ދިވެހިންގެ ފަޚުރުވެރި އެއާޕޯޓު އިންޑިއާގެ ޖީއެމްއާރަށް "ވިއްކާލި" އެވެ. ނަތީޖާ ނުބަ އެވެ. އެއާޕޯޓުގައި ވިޔަފާރި ކުރި ދިވެހި އެތައް ކުންފުންޏެއް ވަގުތުން ބޭރުކޮށް އެމީހުންގެ ވިޔަފާރި އިންދަ ޖައްސާލި އެވެ. އެއާޕޯޓުގައި ވަޒީފާ އަދާކުރަމުން ގެންދިޔަ ދިވެހީން މަދުކޮށް ދިވެހި މުވައްޒަފުންނަކީ ދެވަނަ ދަރަޖައިގެ މީހުން ކަމަށްވި އެވެ. އެ ހުރިހާ ކަމަކަށް ވުރެ ބޮޑަށް ރާއްޖެއަށް އެތެރެވާ ބޭރު ފައިސާގެ ބޮޑު ޕަސެންޓެއް ސީދާ ބޭރަށް ޖަމާކޮށް ޑޮލަރުގެ އަގު އިންތިހާއަށް މައްޗަށް ފޮނުވާލި އެވެ. ރާއްޖޭގެ އިގްތިސާދަށް ބޮޑު ގޮންޖެހުމަކާ ކުރިމަތި ކުރުވި އެވެ.
ޖީއެމްއާރުގެ އަތް ދަށުން އެއާޕޯޓު ސަލާމަތް ކުރެވުނީ ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ވަރަށް ބޮޑު ގުރުބާނީތަކަކާ އެކު އެވެ. އެކަމުގެ އަގު ވެސް ކުޑައެއް ނޫނެވެ.
ދިވެހިންގެ އެއާޕޯޓު ދިވެހިންނަށް ހޯދައި ދިނުމަށް ކުރި ކެމްޕޭން ކާމިޔާބުވުމަށްފަހު އެ ކެމްޕޭނުގެ މޭސްތިރިއަކަށް ހުންނެވި ރައީސް އަބްދުﷲ ޔާމީނަށް ވެރިކަން ލިބިވަޑައިގަތުމުން އެއާޕޯޓުގެ ތަރައްގީއަށް ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވި އެވެ. މުޅިން އާ ރަންވޭއަކާއި ބައިނަލްއަގުވާމީ އެއާޕޯޓެއް ފުރިހަމަޔަށް ހިންގަން ބޭނުންވާނެ ހުރިހާ ވަސީލަތެއް ގާއިމުކުރެއްވުމުގެ ބިޔަ މަޝްރޫއެއް ފެށްޓެވި އެވެ. އެ މަޝްރޫއުގެ އެންމެ ފަހުގެ މަރުހަލާކަމަށްވާ އާ ޓާމިނަލް މިހާރު ވަނީ މުޅިން ނިމި، ހުޅުވަން ތައްޔާރުވެފަ އެވެ. ދިވެހިންގެ އެއާޕޯޓު ދިވެހިންގެ ފަޚުރެއްގެ ގޮތުގައި ދެމިއޮތުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ވެސް އުންމީދު ކަމަށް ވާނެ އެވެ.