ސައޫދީ އަރަބިއާގެ ދެ ހަރަމްފުޅާ ބެހޭ ވުޒާރާ އިން 1442 ވަނަ އަހަރުގެ ރަމަޟާން މަހާ ދިމާކޮށް އުމްރާގެ ކޯޓާ އިތުރު ކުރަން ނިންމައިފި އެވެ.

އެގޮތުން މި އަންނަ ރަމަޟާން މަހު މަސްޖިދުލް ޙަރަމަށް ދުވާލަކު 50،000 އުމްރާވެރިންގެ އިތުރުން އަޅުކަން ކުރުމަށް ވަންނަ 100،000 މީހުންނަށް ހުއްދަ ދިނުމަށް އެ ވުޒާރާއިން ވަނީ ނިންމާފަ އެވެ. މި ނިންމުމުގެ މަތިން ޙަރަމަށް ވަންނަ މީހުން ވާންވާނީ ވެކްސިން ޖަހާފައިވާ މީހުން ކަމަށް ސައުދީ ޕްރެސް އެޖެންސީ އިން ރިޕޯޓު ކޮށްފައިވެ އެވެ.

މި ނިންމުމަށް ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަމަލު ކުރަން ފަށާއިރު މި ރަމަޟާން މަހު ޢުމްރާގެ އަޅުކަން އަދާ ކުރަން ބޭނުންވާ ސައުދީ އަރަބިއާގައި ދިރިއުޅޭ މުސްލިމުންނަށް އެފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ސައުދީން ބުނެ އެވެ. އެގޮތުން އުމްރާގެ ފުރުސަތު ދެވޭނީ ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށް 14 ދުވަސް ވެފައިވާ މީހުންނަށް އެކަނި ކަމަށް ވެސް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވެ އެވެ.

އެހެން ނަމަވެސް ސަޢޫދީ އަރަބިއާ ނޫން އެހެން ގައުމުތަކުގައި ދިރިއުޅޭ މުސްލިމުންނަށް އުމްރާ ވިސާގެ ޚިދުމަތް އަދި ހުޅުވައެއް ނުލަ އެވެ.

މި އަހަރުގެ ރަމަޟާން މަސް ފެށެން ދެ ދުވަހަށް ވެފައި ވާއިރު ސަޢޫދީ އަރަބިއާގައި ދުވާލެއްގެ މައްޗަށް ކޮވިޑް- 19 އަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އުޅެނީ 600 އިން މަތީގަ އެވެ. ހޮނިހިރު ދުވަހު އެ އަދަދު 878 ގައި އުޅުނު އިރު 10 މީހުން ވަނީ މިބަލީގައި މަރުވެފަ އެވެ.