ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތްއިރު، ރާއްޖޭގައި ޑޮލަރު ނެތް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޕީއެންސީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ ޑޮލަރުގެ މައްސަލަ ދިމާވެފައި ވަނީ މި ސަރުކާރުގައި އެކަނި ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ ދަރަނިދެއްކުމަށްޓަކައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުފެއްދެވި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް އަތްބާނައި އޭގައި ހުރި ޑޮލަރުތައް މިދިޔަ ސަރުކާރުން ބޭނުންކުރި ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން އެ ފަންޑަށް އަތްނުބޭނޭ ގޮތް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝުޖާއު މިފަދައިން ވިދާޅުވިއިރު، ފާއިތުވި 30 އަހަރުގެ ތެރޭގައި ވެސް ޑޮލަރުގެ ރޭޓް މަތިނުވާ މިންވަރަށް ޑޮލަރުގެ ރޭޓް މިހާރު ވަނީ މަތިވެފައެވެ.
އުފުލެމުންދާ ޑޮލަރު ރޭޓް ކަޅުބާޒާރުގައި މިހާރު ހުރީ 20.05ރ. ގަ އެވެ.
މިކަމުގެ ސަބަބުން އެތައް ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަނީ ދަށަށެވެ. ބާޒާރުގައި ތަކެތީގެ އަގު އަންނަނީ އުފުލެމުންނެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނެއް ވުޖޫދުކޮށް ރިސޯތްތަކަށް އާމްދަނީގެ ގޮތުގައި ލިބޭ ޑޮލަރުން ވަކި ޕަސެންޓެއް ކޮންމެ މަހަކު މަރުކަޒީ ބޭންކު އެމްއެމްއޭއަށް މާރުކުރުން މަޖުބޫކުރިއެވެ. ނަތީޖާއެއްގެ ގޮތުން ގިނަ ރިސޯޓްތަކުން މުވައްޒަފުންނަށް މުސާރަ ދޭނީ ރުފިޔާއިންނެވެ. އަދި ބައެއް ރިސޯޓްތަކުގައި ސާވިސް ޗާޖް ވެސް ދެނީ ރުފިޔާ އިންނެވެ.
ޑޮލަރުގެ ރޭޓް ރަސްމީ ރޭޓް ކަމަށްވާ 15.42 އަށް ދަށްވާނެކަމުގެ ޔަގީންކަމާއެކު އެކި އެކި ތާރީހުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވިޔަސް. ޑޮލަރުގެ އަގު ވަނީ ބޮޑެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެކުރިން ވިދާޅުވެފައި ވަނީ މަޖިލިސް އިންތިހާބުގެ މެޖޯރިޓީ ޕީއެންސީއަށް ލިބިއްޖެނަމަ ރަސްމީ ރޭޓަށްވުރެ ވެސް ކުޑަކޮށް ޑޮލަރު ލިބޭނެގޮތް ހަމަޖެހޭނެ ކަމަށެވެ.