މާލޭގެ ހަތަރު ދާއިރާއެއްގެ ވޯޓު އަލުން ގުނައިދުމަށް އެމްޑީޕީ އެދިއްޖެ އެވެ.

މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މާލޭ ސިޓީގެ މޭޔަރުކަން އެމްޑީޕީއަށް ގެއްލިފައިިވާކަން ގަބޫލުފުޅު ކުރައްވާ ކަމަށެވެ. ނަމަވެސް އެމްޑީޕީއަށް މާލެ ސިޓީ ކައުންސިލްގެ ހަތަރު ގޮނޑިއެއް ކަށަވަރުވެފައިވާކަން ޔަގީންވާ ކަމަށެވެ.

ނަޝީދު އަލުން ގުނައިދިނުމަށް އެދުނު ހަތަރު ދާއިރާއަކީ ޓީ.3، ޓީ.4، ޓީ.10 އަދި ޓީ.15 އެވެ. ޓީ.3 ދާއިރާގެ ވޯޓު އަލުން ގުނައި ދިނުމަށް އެމްޑީޕީން އެދެނީ އިދިކޮޅު ފަރާތްތަކާއި ޕީޕީއެމާއި އެމްޑީޕީގެ މެދުގައި ކުޑަ ތަފާތެއް އޮތުމުންނެވެ. އަދި އެހެން ދާއިރާތަކުގައި ވޯޓު ވެސް އަލުން ގުނައި ދިނުމަށް އެދެނީ އެ ދާއިރާތަކުގައި ވެސް އެމްޑީޕީއާ ވާދަވެރިންގެ މެދުގައި އޮތް ތަފާތު ކުޑަވުމުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ، އެމްޑީޕީއިން މަސައްކަތް ކުރާނީ މާލޭ ސިޓީ ކައުންސިލް ހަރުދަނާކޮށް ލާމަރުކަޒީ އުސޫލުން ކަންތައް ކުރުމަށް ކަމަށެވެ. މިވަގުތު މާލެ ސިޓީ ކައުންސިލުގެ އައުލަބިއްޔަތު އެއްވެސް ޕާޓީއަކަށް ނެތް ކަމަށާއި އައުލަބިއްޔަތު ލިބޭ ޕާޓީއެއް ސާފުވާން ދެތިން ދުވަސް ނަގާނެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.