އިންޑިއާއަކީ އިހްލާސްތެރި ހަގީގީ ރަހުމަތްތެރިއެއްކަން މިއަދުގެ ސަރުކާރުން ގަބޫލުކޮށްފިކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ އޭއެންއައި އަށާއި ވިއޯންއަށް އިއްޔެ ދެއްވި އިންޓަވިއުތަކެއްގައި ޝާހިދު ވިދާޅުވީ އިންޑިއާއަކީ ރަހުމަތްތެރިއެއްކަން ދިވެހި ސަރުކާރުން މިހާރު ގަބޫލުކޮށްފިކަމުގެ ނިޝާންތައް ފެންނަކަމަށާއި، އިންޑިއާއަކީ އަވަށްޓެރި ގައުމުތަކަށް ރަނގަޅަކަށް މަސައްކަތްކުރާ ގައުމެއްކަމަށާއި، އެކަމުގައި ނުބައި ނިޔަތެއް ނެތްކަމަށް މިއަދުގެ ދިވެހި ސަރުކާރުން ގަބޫލުކުރާކަން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތަށް ރާއްޖެއަށް ވަޑައިގަތުމަށް ދައުވަތު އެރުވުމުން ހާމަވާކަމަށެވެ.
މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ހަރުދަނާވެގެން ދާނެ ދަތުރުފުޅަކަށް ވާނެކަމަށް އުއްމީދުކުރައްވާކަމަށާއި، މިއީ އާ ފެށުމަކަށް ވާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
ގައުމުތަކާއެކު ރަހުމަތްތެރިކަން ބޭއްވޭނީ، ވަގުތީ ސިޔާސީ ބޭނުމަށް އަވަށްޓެރި ގައުމުތަކާ ޖެހިގަތުން ހުއްޓާލައިގެންކަން ސިޔާސީ ޕާޓީތަކާއި ސިޔާސީ ބޭފުޅުން ގަބޫލުކުރަންވެއްޖެކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ ގައުމުތަކާއެކު މަސައްކަތްކުރެވޭނީ އިހްލާސްތެރިކަމާއެކު ގުޅުން ބާއްވައިގެންކަމަށެވެ.
ވިއޯންއަށް ދެއްވި އިންޓަވިއުގައި ޝާހިދު އިތުރަށް ވިދާޅުވީ، އިންޑިއާއިން ރާއްޖޭގެ ތަރައްގީއަށް އެހީވަނީ ރާއްޖޭގެ ސަރުކާރުގައި އޮންނަ ޕާޓީގެ ކުލައަށް ބަލައިގެން ނޫންކަމަށާއި، ހުއްޓުމެއް ނެތި ތަރައްގީއަށް އެހީވަނީ ދިވެހިންނާ އިންޑިއާއާ ދެމެދު އޮންނަ ގުޅުމުގެ ސަބަބުން ކަމަށެވެ.
އެމްޑީޕީގެ ސަރުކާރުގައި އިންޑިއާގެ އެހީގައި ފަށާފައިވާ ބައެއް މަޝްރޫޢުތައް ނިންމާ، ބޮޑުވަޒީރު ނަރެންދްރަ މޯދީގެ މި ދަތުރުފުޅުގައި އެ މަޝްރޫއުތައް އިފްތިތާހަކޮށްދެއްވާނެކަން ޝާހިދު ފާހަގަކުރެއްވި އެވެ.
ހަމައެއާއެކު، އަވަށްޓެރިންގެ ގޮތުގައި މިއޮތީ ދުނިޔޭގެ 5 ވަނައަށް އެންމެ ބޮޑު އިގްތިސާދުކަމަށާއި އިންޑިއާގެ އިހްތިސާދަށް އަންނަ ކުރިއެރުމުގެ ފައިދާ ހޯދަން ޖެހޭނެކަމަށް ޝާހިދު ވިދާޅުވިއެވެ.
އެހެންނަމަވެސް، ސިޔާސީ ބޭނުމަކަށްޓަކައި މިއަދުގެ ސަރުކާރުގައި ތިބި ބަޔަކު ކުރި ކަމެއްގެ ސަބަބުން ދެގައުމުގެ ގުޅުން ބޮޑުތަނުން ހީނަރުވެގެން ދިޔަކަން އެއީ ހިތާމަކުރައްވާ ކަމެއްކަމަށް ޝާހިދު ފާހަގަކުރެއްވި އެވެ.