ކައިވެނި ޙަފްލާއަށްފަހު ސާއިދުއާއި ޝިފުނާ އަށް ގެއަށް ދެވުނުއިރު ގަޑިން ބާރަ ޖަހައިފިއެވެ. ސިޓިންރޫމް ތެރޭގައި ފުންޏަކަށް ބަހައްޓާފައި ހުރި ހަދިޔާތައް ކަނޑާނެހާ ހިތްވަރެއް ދެމީހުންކުރެ އެކަކު ގަޔަކުވެސް ނެތެވެ. ތިންގަޑިއިރު ކޮޅަށް ހުންނަން ޖެހުމުން ދެފައިކޮޅުގައި ކުރާނެ ކަމެއް ނެތެވެ. ކޮޓަރިއަށް ވަދެވުމާއެކު އަތުގައި އޮތް މާބޮނޑި މޭޒުމައްޗަށް އެއްލާލަމުން ޝިފުނާ އެނދުމައްޗަށް ވެއްޓިގަތެވެ. ފަހަތުން ސާއިދުވެސް އޭނާގެ މަގަތުން އޮށޯވެލިއެވެ. ލޯތްބާއެކު ސާއިދު އޭނާގެ އަނބިމީހާގެ މޫނުގައި ފިރުމާލީ އިރުކޮޅަކު އެމޫނަށް ބަލަން އޮތުމަށްފަހުގައެވެ. އެއީ ދުނިޔެމަތިން އޭނާއަށް ފެނުނު އެންމެ ރީތި މޫނެވެ. އެމޫނުގެ ޖާދުގައި ޖެހި ޝިފްނާއަށް އޭނާ ލޯބި ހުށައެޅީ އެކީގައި ދިރިއުޅުމެއް ހޯދުމުގެ އުއްމީދުގައެވެ. އޭގެ ހަމަސް ފަހުން މިއަދު އެގުޅުމުގައި ކައިވެނީގެ ގޮށް ޖެހުނުއިރު އެއީ އެދެމީހުންވެސް ކުރި ދިގު އިންތިޒާރެއްގެ ނިމުމެވެ. ވެފައިހުރި ވަރުބައްޔާއެކު އެކަކު އަނެކަކުގެ އަތުތެރޭގައި އެރޭ ވޭތުވެ ދިޔަ ގޮތްވެސް ނޭނގެއެވެ.

ސާއިދުއަށް ހޭލެވުނީ ޖެހިގެން އައި ދުވަހު ހެނދުނު އަށެއް ޖަހަން އުޅެނިކޮށެވެ. ފުން ނިންޖަކުން ނިދިފައި އޮތް ޝިފްނާގެ ނިއްކުރީގައި ބޮސްދިނުމަށްފަހު އޭނާ ތެދުވީ ދުވަހުގެ މަސައްކަތްތައް ފަށައިގަންނާށެވެ. ފެންވަރައި ތައްޔާރުވެގެން ބަދިގެއަށް ވަދެ ހެނދުނުގެ ނާސްތާ ތައްޔާރުކޮށް އެއަށް އެކަނި އިންސާފު ކުރީ އަނބިމީހާ ނުހޭލައްވާން ވެގެންނެވެ. އިއްޔެގެ ކަންތައްތަކުން ވަރުބަލިވެފައި އޮންނާނެކަން އެނގޭތީއެވެ. ގެއަށް ބޭނުންވާ ބައެއް ސާމާނު ގަންނަން ބާޒާރުމަތީގައި އުޅުމަށްފަހު ގެއަށް އައި އިރުވެސް ޝިފްނާ އޮތީ ގަދަ ނިދީގައެވެ. މާބޮޑު ކަމަކަށް ނުހަދައި ސާއިދު ގަސްދުކުރީ ގޭތެރޭގެ ކަންތައްތައް ހަމައަކަށް އަޅުވާލާށެވެ. އެމަސައްކަތުގައި އުޅެނިކޮށް ރައްޓެއްސަކު ކޮފީއަކަށް އަރަން ގުޅުމުން އޭނާ ދިޔައީ ކުޑަކޮށް ފޫހިފިލުވާލާ އަނގަމަޖާ ކޮށްލަން ބޭނުންވެފައި ހުރީތީއެވެ. އިރުއޮއްސެން އުޅެނިކޮށް ގެއަށް އާދެވުނު އިރު ސިޓިންރޫމްގެ ސޯފާގައި އިށީންދެލައިގެން ޝިފްނާ އިނީ ކައިވެންޏަށް ލިބުނު ހަދިޔާތައް ކަނޑާށެވެ. ޕާރުސަލް ކަރުދާސްތައް މުޅި ގޭތެރޭގައި ދުވަމުން ދިޔައިރު އޭނާއަށް ހެނދުނުގެ ސައި ބަހައްޓާފައި ދިޔަ ތަށިތައް ސިންކުތެރޭގައި ބަރިއަކަށް ހުއްޓެވެ. ގޭގައި ކާއެއްޗެއް ރޯފިލުވާފައި ނެތްކަން އެނގުނީ ބަނޑުހައިވެފައި ހުރިވަރުން ބަދިގެއަށް ވަދެ ބަލާލީމައެވެ. ސާއިދުގެ އެއްވެސް ޙަރަކާތެއް ނުފެންނަ ކަމަށް ހަދައިގެން އިން ޝިފްނާއަށް އަނގައިން ބުނަން މަޖުބޫރުވީ ސާއިދު އައިސް އޭނާ ކުރަން އިން ކަންތައް ހުއްޓުވީމައެވެ.

ދެން އައި ދުވަސްތަކަކީ ސާއިދުގެ ޙަޔާތުގައި އައި އެންމެ ބޮޑު އިމްތިޙާނެވެ. ފޮނި އުއްމީދުތަކަކާއެކު ފެށި ޒަވާޖީ ޙަޔާތް ވެގެންދިޔައީ ކަށީގެ ޖަންގައްޔަކަށެވެ. ދިރިއުޅުމަށްޓަކައި ދެކެމުން އައި ހުވަފެންތައް ވިއްސިވިހާލިވީ އިޚްތިޔާރު ކުރެވުނު ޙަޔާތުގެ ބައިވެރިއެއްގެ ސަބަބުންނެވެ. ޝިފްނާގެ ލޯބިވީ އަވާމެންދުރަކަށެވެ. އެ އޯގާތެރިކަމާއި ހެޔޮ ޚުލްޤަކީ ދައްކާލި ދަޅައެކެވެ. އޭނާވީ ވިހަ ނުބައި ހަރުފައެއް ފަދައިން ސާއިދުގެ ޙަޔާތަށް ޒަހަރުލީ އަންހެނަކަށެވެ. އަނތްބެއްގެ ފަރާތުން ލިބުން ޙައްޤު ލޯތްބާއި އަޅާލުން ޝިފްނާގެ ފަރާތުން ނުލިބުނުތާ ސާއިދުގެ މުޅި ދިރިއުޅުމުގެ މަސައްކަތުން ހޯދި ފައިސާ އޭނާ ޚަރަދުކޮށް ހުސްކުރީ ރިސޯޓުތަކަށް ގޮސް ހިލޭ ފިރިހެނުންނާއެކު މަޖާ ކުރުމުގައެވެ. އެތައް ތަކުލީފުތަކަކާއި އެކު ސާއިދު ބިނާކުރި ގެ ޝިފްނާގެ ނަން މައްޗަށް ބަދަލުކުރުވީ ސާއިދުގެ ލޮލުގައި ލޯބީގެ އަނދުން އަޅުވައި އުފާވެރި މުސްތަޤްބަލެއްގެ މަލަމަތި ދައްކައިގެންނެވެ. ގޭތެރޭގައި ޒުވާބެއް ނުހިނގާ އެންމެ ދުވަހެއް ނުދާއިރު ގިނަރޭރޭ ސާއިދު ނިދަން ޖެހެނީ ސިޓިންރޫމްގައެވެ. ކިތަންމެ ފަހަރަކު އުއްމީދު ކަނޑާލާ ޝިފްނާ ވަރިކުރަން ހިތަށް އެރިކަމުގައިވިޔަސް ކެތްކޮށްލައިގެން ސާއިދު ހުރީ ކޮންމެވެސް ދުވަހަކުން ޝިފްނާ އިސްލާޙު ވާނެ ކަމުގެ އުއްމީދުގައެވެ. ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫންކަން ވިސްނުނީމައެވެ. ނަމަވެސް އެކަން ވިސްނުނުއިރު ވަޤުތު ފާއިތުވެއްޖެއެވެ. ކައިވެނީގެ ގުޅުމަށް ޤަދަރު ކުރަން ކުރިން އެނގުނު ނަމަ މިއަދު އޭނާ އެޙާލުގައި އުޅޭކަށް ނުޖެހުނީހެވެ.

އާއެކެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން އޭނާއަކީ އުފާވެރި ކައިވެންޏެއް ހޭދަކުރަމުން އައި މީހެކެވެ. ހަސްނާއަކީ ރީތި ބުރުސޫރައެއް ލިބިފައި ނެތަސް ޖަވާހިރެއްފަދަ އަނތްބެކެވެ. އަނތްބެއްގެ ވާޖިބުތައް ފުރިހަމައަށް އަދާކުރި ހެޔޮލަފާ އަންހެނެކެވެ. ސާއިދު ހަސްނާ އާއި ކައިވެނި ކުރީ މައިންބަފައިންގެ އެދުމަށް ކަމަށްވިޔަސް ހަސްނާ ސާއިދު ދެކެ ވީ ޙަޤީގީ ލޯތްބެވެ. އެކައިވެންޏަށް ބުރޫ އަރަންފެށީ ހަސްނާގެ ރަޙުމަތްތެރިއެއްގެ ގޮތުގައި ޝިފްނާ އެދެމަފިރިންގެ ޙަޔާތަށް އައި ހިސާބުންނެވެ. ހަސްނާގެ އެންމެ ގާތް ރަޙުމަތްތެރިޔާގެ ގޮތުގައި ހުރެ އޭނާގެ ފިރިމީހާއާއި ނާޖާއިޒު ގުޅުން ހިންގީ އެއްވެސް ވިސްނުމަކާ ނުލައެވެ. އެންމެފަހުން އެގުޅުން ހާމަވެ ސާއިދުވެސް ބޭނުންވީ ފާޅުގައި އެ ގުޅުމައިގެން ކުރިއަށް ދާށެވެ. މަޖުބޫރު ކައިވެންޏެއްގައި ހުންނަން ބޭނުން ނުވާތީއެވެ. އެކަމަށްވެސް ހަސްނާ ހުރީ ރުޙި ޤަބޫލުވެގެންނެވެ. ބަދަލުގައި އޭނާ އެދުނީ އެންމެ ކަމެކެވެ. ވަރިނުކޮށް ބައިންދާ ދިނުމަށެވެ. އެއްވެސް އެހީއެއް އަޅާލުމެއް ނުލިބުނަސް މެއެވެ. ޝިފްނާ އާއި ސާއިދުގެ ޙަޔާތަށް އޭނާގެ ހިޔަނި ނޭޅޭނެ ކަމަށް ވަޢުދުވަމުންނެވެ. މިއަދުވެސް ހަސްނާއަކީ ސާއިދުގެ އަނތްބެކެވެ. ސާއިދުގެ ޙަޔާތާއި ދުރަށް ދިޔަކަމުގައިވިޔަސް ހަސްނާ މިއަދުވެސް ހުރީ ވަފާތެރި އަނތްބެއްގެ ގޮތުގައެވެ. ސާއިދު އެނބުރި އަންނާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

މިއަދު ސާއިދުގެ ހިތް އެދެމުން ދިޔައީ ހަސްނާގެ ފަރާތުން ލިބުނު ލޯތްބާއި އަޅާލުމަށެވެ. ދާން ބޭނުންވަނީ ހަސްނާގެ އޯގާތެރިކަން ލިބޭނެ ހިސާބަކަށެވެ. ހަގު އަނބީގެ ފަރާތުން ލިބުނު އުފަލެއް ހިތްހަމަ ޖެހުމެއް ނެތީމައެވެ. ދުވަހެއްގެ ކޮޅުންވެސް އޭނާގެ ކެތްތެރިކަން ކޮޅުންލައި ޝިފްނާ އާއި ދުރަށްދާން އެދޭނަމަ އޭނާގެ ދޮށީ އަނބި އައު ދިރިއުޅުމަކަށް އޭނާއަށް މަރުޙަބާ ކިޔާނެކަން އޭނާއަށް އެނގެއެވެ. އޭނާއަށް މަޢާފުކޮށް ސާފު ހިތަކާއެކު ދެންވެސް ހަސްނާ އޭނާއަށްޓަކައި ހުންނާނެކަން އޭނާއަށް ޔަޤީންވެއެވެ. އެއީ އަމިއްލަ އެދުމުން ފުރިފައިވި ނިންމުމަކަށްވިޔަސް އެފަދަ ދުވަހެއް ފެނިއްޖެނަމަ ހަސްނާ ކައިރިއަށް އޭނާ އަނބުރާ ދާނެކަން ކަށަވަރެވެ. ހަސްނާއަށް ޙައްޤުވާ ލޯބި ދިނުމަށްޓަކައެވެ. ފިރިއެއްގެ ފަރާތުން އޭނާއަށް ކުރިން ނުލިބުނު އަޅާލުމާއި އޯގާތެރިކަން ދިނުމަށްޓަކައެވެ.