ދާދި ފަހުން ރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަގާމުން ރިޓަޔާ ކުރެއްވި މުއުތަސިމް އަދުނާނަށް ދައުލަތުގެ އިއްޒަތް މިއަދު އަރުވައިފި އެވެ.
މުއުތަސިމް އަށް މި ލަގަބު އަރުވާފައިވަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރުފުރުން ފާހަގަކުރަން ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށް ގެންދާ ރަސްމީ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒެވެ.
ރައީސް މުއިއްޒު، "ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު" މުއުތަސިމް އަށް އެރުވީ ޝަރުއީ އަދި ގާނޫނީ ދާއިރާއިން މީހުން ބިނާކުރުމާއި ޝަރުއީ ދާއިރާގެ ކަންކަމާއި ޝަރުއީ މައްސަލަތައް އަދުލުވެރިކަމާއި އިންސާފުވެރިކަމާ އެކު، ނިންމެވުން ހަރުދަނާ ކުރުމާއި ރާއްޖޭގެ ހާރިޖީ ދާއިރާގެ ކަންކަމުގައި ގާނޫނި ގޮތުން ދޭންޖެހޭ ލަފާ ދެއްވުމާއި އެ ރޮނގުރޮނގުން ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަންކުރެއްވުމުގެ ގޮތުންނެވެ.
މިދިޔަ ހޯމަ ދުވަހު މަގާމުން ރިޓަޔާ ކުރެއްވި މުއުތަސިމް އަކީ މިހާރު އަމަލުކުރާ ގާނޫނުއަސާސީގެ ދަށުން ޝަރަފުވެރިކަމާ އެކު، ރިޓަޔާވެ ވަޑައިގަންނަވާ ފުރަތަމަ އުއްތަމަ ފަނޑިޔާރެވެ. މީގެ ކުރިން އައްޔަން ކުރެއްވި ހުރިހާ އުއްތަމަ ފަނޑިޔާރުންނަކީ މަގާމުން ދުރުކުރެއްވި ބޭފުޅުންނެވެ.