އެންމެން އެއް މިސްރާބަކަށް ވިސްނުން ބެހެއްޓުމުގެ ބަދަލުގައި އެކި ވިސްނުން ގެންގުޅޭނަމަ ގައުމުގެ މިނިވަން ކަން ދެމި ނޯންނާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ކުރިއަށްދާ މިިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިފަހަރުގެ މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދެއްކެވީ ވަރަށް ކުރުކޮށެވެ.

އެންމެ ހަތް މިނެޓަށް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ މިނިވަންކަން ރައްކާތެރިކުރުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް ކަމަށެވެ. އަދި މިނިވަން ދުވަހުގެ މައިގަނޑު މެސެޖަކީ އަދި އިލްތިމާސަކީ ވެސް އެއްމެން ވެސް ގައުމިއްޔަތުގެ ފިކުރު އިސްކުރުން ކަމުގައި ރައީސް ވިދާޅުވި އެވެ.

މިއަދުގެ ޖީލާ ހަމައަށް މިނިވަންކަން ދެމިއޮތީ ވަރަށް ގިނަ ބައެއްގެ 'ގައުމީ' ބުރަ މަސައްކަތުން ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. އަންނަން އޮތް ޖީލުތަކަށް ވެސް މިނިވަންކަން ފޯރުކޮށްދެވޭނީ ކޮންމެ ފަރުދަކު އެ ޒިންމާ ނަގައިގެން ކަމަށް ވިދާޅުވި އެވެ.

"އެންމެންގެ ވެސް ފަރުދީ ޒިންމާއެެއް، މި ގައުމީ ބުރަ މަސައްކަތް އަމާނާތްތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުން. އެ ކަން ކުރާނީ ވަކި އެވެނި މީހެކޭ އަޅުގަނޑުމެން އެކަކަށް ވެސް ނުބުނެވޭނެ. ގަބޫލުކުރަން ޖެހޭ ހަގީގަތަކީ. އެ ނޫން ގޮތަކަށް މިނިވަންކަން ދެމިނޯންނާނެ،" .
ރައީސް ވިދާޅުވި އެވެ

ރައީސް މުއިއްޒު ވިދާޅުވީ ދިވެހި ކޮންމެ ފަރުދަކު ވެސް މަސައްކަތް ކުރަންވީ އެ ވިސްނުމުގައި އެއް މިސްރާބަކަށް ކުރިއަށްދާން ކަމަށާއި ގައުމެއް ގައުމެއްގެ ގޮތުގައި އޮންނާނީ ދީނާއި ސަގާފަތާއި ގައުމީ ލޯބި އިސްކޮށް، އެއް ވިސްނުމެއްގައި ތިބުމުން ކަމަށެވެ.

އެކި މީހުން އެކި ދިމާއަށް ވިސްނުން ބަހައްޓައިގެން ގައުމެއް ނޯންނާނެ ކަމަށާއި ގައުމު ގައުމެއްހެ ގޮތުގައި އޮންނާނީ އެންމެން އެއް މިސްރާބެއްގައި ގައުމީ ލޯބީގައި މި ދެންނެވި ވިސްނުމުގައި ކުރިއަށްދާ ހިނދު އެކަނި ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ދިވެހިން އިސްކުރުން ކަމަށް ވިދާޅުވި އެވެ. ބޭރުގެ ފަރާތްތަކުގެ އެހީ ހޯދި ނަމަވެސް ސިޔާސަތު ހިންގާނީ ދިވެހިން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ހާރިޖީ ގުޅުންތައް ގާއިމުކޮށް ކުރިއަށް ގެންދާނީ ރާއްޖެއަށް ފައިދާކުރާ ގޮތަށް ކަމަށެވެ.

ސަރުކާރުގެ އެ ސިޔާސަތު ވެސް ކުރިއަށް ގެންދެވޭނީ ފަރުދީ ޒިންމާ އަދާކޮށް، ދިވެހިން އެ ވިސްނުމެއްގައި ތިބެގެން ކަމަށް ވިދާޅުވި އެވެ.