މިރެއަކީ އާދަޔާ ޚިލާފަށް މާލޭގެ މަގުތައް ހަލަބޮލި ރެއެކެވެ. މީހުން ގިނަ ރެއެކެވެ. ދުއްވާ އުޅަނދުތައް ވެސް އިތުރު ރެއެކެވެ.

ކަލަންޑަރަށް ބަލާލުމުން އެނގުނީ މިއީ މުލަ ރޯދަ ވިލޭރޭ ކަމެވެ. މަގުމަތިން އެކި ކޮޅު ކޮޅު މައްޗަށް ދުވާ މީހުންނަކީ ރޯދައިގެ އެންމެ ފަހުގެ ތައްޔާރީތަކަށް ނުކުމެ އުޅޭ މީހުން ކަމެވެ.

ދުވަސްތައް ގުނަމުން ގޮސް ރޯދަމަސް ވެސް ފެށުނީ އެވެ. މިރެއަކީ މިއަހަރުގެ އެންމެ ފުރަތަމަ ހާރު ދަމެވެ. ހާރުކާން ގޮވުމުން ދެބަދޭތެރޭ އިނދެ، ކައި ނިންމާ ކުދިން މިރޭ ގިނަވާނެ އެވެ.

ކޮންމެއަކަސް ކުރިއަށް އޮތް ތިރީސް ދުވަހަކީ ދިރިއުޅުމަށް ބޮޑު ބަދަލެއް ގެންނަން ޖެހޭ ދުވަސްތަކެކެވެ. ދުނިޔަވީ ގިނަ ކަންކަމުން ދުރުވެ ހެޔޮ އަމަލު ގިނަ ކުރަންވީ ދުވަސްތަކެކެވެ. މިރެއަކީ އޭގެ ފެށުމެވެ.

އަހަރުމެން އެންމެންވެސް މި ހިނދު އަޒުމެއް ކަނޑައަޅަމާ ހެއްޔެވެ؟ މިރޯދަމަހު ދިރިއުޅުމަށް ގެންނަ ބަދަލަކީ ހެޔޮ ބަދަލަކަށް ހަދަމާ ހެއްޔެވެ؟ އަދުގެ ޙާލަތާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުތައް ބަހައްޓަމާ ހެއްޔެވެ؟

ހުރިހާ އެމްވީ ގެ ހުރިހާ ކިޔުންތެރިންނަށް ބާއްޖަވެރި އަދި ފާގަތި ރަމަޟާން މަހަކަށް އެދެމެވެ. މާތް ﷲ އަހަރުމެން އެންމެންގެ އަމަލުތަކުގައި ބަރަކާތް ލައްވާށިއެވެ!