ގދ. މަޑަވެލިން ނެގި ހުރިހާ ސާމްޕަލެއް ނެގަޓިވްވުމުން ރަށް އާންމު ހާލަތަށް ގެނެސްފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭ އިން އެ ރަށް މޮނީޓަރިންގެ ހާލަތައް ގެނައީ، އެ ރަށާ ކޯޒްވޭ އަކުން ގުޅާލެވިފައިވާ ހޯނޑެއްދޫން މިމަހު ކުރީކޮޅު ކޮވިޑް19 ގެ ކޭސްތައް ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

އެންއޯއީސީގައި ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މަޑަވެއްލިން ރެންޑަމްކޮށް ނެގި 51 ސާމްޕަލް ވެސް އިއްޔެ ނެގެޓިވްވެފައިވާ ކަމަށެވެ. އަދި އެއާއެކު އެ ރަށް މިހާރު އާންމު ހާލަތަށް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޑަވެލިން 51 ސާމްޕަލް ނަގައި އެތަކެތި މާލެގެނެސް މިއަދު ޓެސްޓްކޮށްފައިވާއިރު އެއްވެސް ސާމްޕަލްއެއް ޕަޮޒިޓިވްވެފައިނުވޭ. އެހެންވީމަ މިނަތީޖާއަށްބަލައި މިރޭ މިވަނީ މޮނިޓަރިންގއިން ރިލީޒްކުރެވިފައި" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހޯނޑެއްދޫއާއި މަޑަވެލިން ބަލީގެ އަލާމާތްތައް ހުރި އެންމެން ކަހަލަ ގޮތަކަށް ޓެސްޓްކޮށްފައިވާ ކަމަށެވެ. އަދި ހޯނޑެއްދޫގެ ކޭސްތަކާ ގުޅިގެން މަޑަވެލިން ނެގި އެއްވެސް ސާމްޕަލެއް މިހާތަނަށް ޕޮޒިޓިވްވެފައިނުވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ހޯނޑެއްދޫން މިހާތަނަށް ފެނުނު ހުރިހާ ކޭސްތަކަކީ ވެސް އެއް ކްލަސްޓާއެއް ކަމަށާއި އެހެންވެ ނިންމާފައިވަނީ އެއީ އަދިވެސް ލޯކަލް ޓްރާންސްމިޝަނެއް ގޮތަކަށް ކަމަށް އެޗްއީއޯސީން ބުންޏެވެ.