ޓޫރިޒަމް ބޭނުމަށް ދޫކުރާ ތައްތަނުގެ ކުލި ދެއްކުމާ ބެހޭ ގަވާއިދާ އެއްގޮތަށް އަލުން ޖޫރިމަނާ ހިސާބުކޮށް، ހަތަރު ބިލިއަނަށް ވުރެ ގިނަ ރުރިޔާ ނުލިބޭނެ ކަމަށް ނިންމުމުން، ކޮވިޑަށްފަހު މީރާ އަށް ނުލިބި އޮތް 21.6 ބިލިއަން ރުފިޔާ 2023 ވަނަ އަހަރުގެ ނިޔަލަށް 13.2 ބިލިއަން ރުފިޔާ އަށް ދަށްވެފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ (މީރާ) ގެ 2023 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.

އޮޑިޓް އޮފީހުގެ ވެބްސައިޓުގައި ފާއިތުވި ހަފުތާ އާންމުކުރި މީރާގެ އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި މީރާއަށް ލިބެން ޖެހޭ އާމްދަނީ ނުލިބި އެންމެ މައްޗަށް ގޮސްފައި ވަނީ ކޮވިޑް-19 އާ ކުރިމަތިވި 2020 ވަނަ އަހަރު އެވެ. އެ އަހަރު 21.6 ބިލިއަނަށް ވުރެ ގިނަ ރުފިޔާ މީރާއަށް ނުލިބި އޮތެވެ.

ފާއިތުވި އަހަރު ތަކުގައި އާމްދަނީގެ ގޮތުގައި މީރާ އަށް ލިބެންވާ ފައިސާގެ އަދަދުތައް

އޮޑިޓް ރިޕޯޓުގައިވާ ގޮތުން މީރާއަށް ނުލިބޭ ފައިސާގެ އަދަދު ދަށްވެފައި ވަނީ، ގިނަ ފަރާތްތަކަކުން ފައިސާ ދެއްކުމުގެ ބަދަލުގައި، ޓޫރިޒަމް ބޭނުންމަށް ދޫކުރާ ތައްތަނުގެ ކުލި ސަރުކާރަށް ދެއްކުމާ ބެހޭ ގަވާއިދާ އެއްގޮތަށް ޖޫރިމަނާ އަލުން ހިސާބު ކުރުމުން، 0.0493 ޕަސެންޓަށް ވުރެ އިތުރަށް އަރާފައިވާ ހަތަރު ބިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ނިންމުމުން އެ އަދަދު ހިސާބުން އުނިކުރުމާ ގުޅިގެންވެ.

މީގެ އިތުރުން ލިބެންޖެހޭނެ ކަމަށް ދައްކާ ފައިސާގެ އަދަދު ދައްވެފައިވަނީ ކުއްޔަށް ދޫކޮށްފައިވާ ބައެއް ރަށްރަށާ ގުޅިގެން 2023 ވަނަ އަހަރު ސެޓެލްމެންޓް އެގްރިމެންޓުތަކުގައި ސޮއިކޮށް ދައުލަތަށް ނުލިބިވާ ފައިސާ މާފުކޮށްދިނުމާއި ފައިސާ ދެއްކުން ފަސްކޮށްދިނުމުގެ ސަބަބުންނެވެ.

މީރާއަށް 2023 ގެ ނިޔަލަށް ނުލިބިވާ ކަމަށް މިހާރު ދައްކަނީ 13.2 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 5.3 ބިލިއަން ރުފިޔާ އަކީ ޖޫރިމަނާ އާއި އިންޓަރެސްޓުގެ ގޮތުގައި ލިބެނެ ޖެހޭ ކަމަށް މީރާއިން ބުނާ އަދަދެވެ.

ރިސޯޓް ތަކުން މީރާ އަށް ނުދައްކާހުރި ކުއްޔާއި ޖޫރިމަނާ

ނުލިބިވާ ފައިސާގެ ތެރެއިން 45 ޕަސެންޓަށްވާ 5.9 ބިލިއަން ރުފިޔާ އަކީ ރިސޯޓުތަކުގެ ކުއްޔާއި ކުލި ނުދައްކައިގެން ކޮށްފައިވާ ޖޫރިމަނާ އެވެ. ކުލީގެ ގޮތުގައި ނުދައްކާ އޮތް 2.8 ބިލިއަން ރުފިޔާ އަށް ވުރެ ކުލި ނުދައްކައިގެން ކޮށްފައިވާ ޖޫރިމާނާ އާއި އިންޓަރެސްޓް އިތުރުވެ އެވެ. ރިސޯޓުތަކުގެ ކުލި ނުދެއްކުމުނުގެ ސަބަބުން ޖޫރިމަނާގެ އާ އިންޓަރެސްޓްގެ ގޮތުގައި 3.1 ބިލިއަން ރުފިޔާ އަރާފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.

ޓެކްސް އިދާރާ އަށް ނުލިބިވާ ފައިސާގެ ތެރެއިން ދެވަނަ އަށް އެންމެ ބޮޑު އަދަދެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. ޖީއެސްޓީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ނުލިބިވާއިރު، ހަތްލައްކަ އަށްވުރެ ބޮޑު އަދަދެއް ޖޫރިމަނާ އާއި އިންޓަރެސްޓަށް އަރާފައިވެ އެވެ.

ސީދާ ޓެކުހާ ގުޅުންހުރި އާމްދަނީގެ ތެރެއިން ޓެކުހާއި ޖޫރިމަނާގެ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް 6.5 ބިލިއަން ރުފިޔާ މީރާއަށް ނުލިބި އެބައޮތެވެ.

ޓެކުހާ ގުޅިގެން 2023 ގެ ނިޔަލަށް މީރާ އަށް ނުލިބި ހުރި ފައިސާގެ އަދަދުތައް

އޮޑިޓަ ޖެނެރަލް ފާހަގަ ކުރައްވާފައިވާ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މީރާ އިން ފިޔަވަޅު އެޅި ނަމަވެސް، އެކަން ތަންފީޒު ނުކުރެވެނީ ޓެކުހަށް ނުވާ ފައިސާ ހޯދުމުގައި ކުރިން މީރާއަށް ދީފައިވާ ބާރު ހަނިކޮށްފައިވުމުގެ ސަބަބުންނާއި މީރާ އިން އަޅާ ފިޔަވަޅުތަކަކީ ފައިސާ ހޯދުމަށް އެކަށީގެންވާ ފިޔަވަޅުތަކަކަށް މިހާރު ނުވާތީ އެވެ. އަދި ޓެކްސްއާ ނުގުޅޭ އާމްދަނީ ހޯދުމުގައި، ފައިސާ ނުދައްކަން ހިތްވަރު ލިބޭގޮތަށް ބެލެނިވެރި އިދަރާތަކުން އަމަލުކުރާކަން ވެސް އޮޑިޓަ ޖެނެރަލް ހުސައިން ނިޔާޒީ ފާހަގަކުރައްވާފައިވެ އެވެ.

އޮޑިޓަ ޖެހެނަލް މިރާއަށް ލަފާދެއްވާފައި ވަނީ ގާނޫނާއި ގަވާއިދުތައް ހަރުދަނާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި ފިނޭންސް މިނިސްޓްރީގެ އިސްނެގުމާއެކު، ފައިސާ ހޯދާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލައި ތަންފީޒު ކުރުމަށެވެ.