ޕީއެންސީގެ އެކްޓިވިސްޓް އަދި މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރަކު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ޖޭއެސްސީން ނިންމި މައްސަލަ ނުބެލޭނެ ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.

ޕީޕީއެމާއި ޕީއެންސީގެ ހަރަކާތްތަކުގައި ކުރިން ބައިވެރިވި އަދި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް މިދިޔަ މަހާ ހަމައަށް ހުންނެވި މުހައްމަދު ޝަހީދު ހައި ކޯޓަށް އައްޔަންކުރަން ޖޭއެސްސީން ނިންމި މައްސަލަ ގާނޫނީ ވަކީލަކު ކޯޓަށް ހުށަހަޅާފައި ވަނިކޮށް ޝަހީދު ވަނީ ނަން އަނބުރާ ގެންގޮސް, ފަނޑިޔާރުކަމާ ހަވާލުވާން އުޒުރުވެރިވެފަ އެވެ.

އެ މައްސަލާގައި ސިވިލް ކޯޓުގެ އިސް ގާޒީ މަރިޔަމް ވަހީދު އިއްޔެ ކުރެއްވި ހުކުމުގައިވަނީ ފަނޑިޔާރެއްގެ މަގާމަށް ޝަހީދު އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ކޯޓަށް ހުށަހަޅާފައިނުވާ ކަމަށެވެ.

ހުކުމުގައިވަނީ ކަނޑައެޅިގެން ގާނޫނީ އިމުން ބޭރުން އަދި އިޖުރާއަތާ ހިލާފަށް ކަމެއް ކުރާކަމުގެ ސާބިތު ހެއްކާއެކު މެނުވީ މުއައްސަސާތަކުގެ ގާނޫނީ މަސްއޫލިއްޔަތުގެ ތެރެއަށް ކޯޓުތަކުން ވަނުމަކީ ގާނޫނުއަސާސީ ތަސައްވަރުކޮށްފައި އޮތް ގޮތެއް ނޫން ކަމަށެވެ.

މީގެ އިތުރުން ފަނޑިޔާރެއްގެ މަގާމަށް ކުރިމަތިލާން ޝަހީދު ހުށަހެޅި އެޕްލިކޭޝަން އަނބުރާ ގެންގޮސްފައިވާތީ އެ މައްސަލައިގައި ކޯޓުން ގޮތެއް ނިންމަންޖެހޭ ހާލަތެއް މިހާރު ނެތް ކަމަށް ހުކުމުގައިވެ އެވެ.