ޒަމާނުއްސުރެ ރަމަޟާން މަހު ދިވެހިންގެ ސިޓިންރޫމްތައް ފަޅުފިލުވައި ދިން އެއް އެކުވެރިއަކަށް ވާނީ ދިވެހިބަހުން އަޑު އަޅާ ގައުމީ ޓީވީ ޓެލެވިޒަން މޯލްޑިވްސް (ޓީވީއެމް) ދައްކަމުން އަންނަ މިސްރުގެ ސީރީޒްއެއް ކަމަށްވާ މުޙައްމަދު ރަސޫލު ﷲ އެވެ.
މީގެ 29 އަހަރު ކުރިން ޓީވީއެމް އިން ދައްކަން ފެށި މި ސީރީޒް ވަނީ ދިވެހިންގެ ހިތް އަތުލާފަ އެވެ. އެއާ ނުލާ ދިވެހިންގެ ރޯދަމަސް ފުރިހަމަ ނުވާ ޕްރޮގްރާމަކަށްވެފަ އެވެ.
އެކަން އެންމެ ބޮޑަށް ފާހަގަ ވަނީ މިއަދުވެސް އެ ސީރީޒްގެ ކެރެކްޓަރުންނާއި އެ ކެރެކްޓަރުންގެ ޑައިލޮގްތަކަށް ދަންދެން ހިތު ފަރިތަކަމާއެކު ދިވެހިންގެ ދުލުކުރީގައި ވާތީ އެވެ.
އަށްޑިހައިގެ އަހަރުތަކުގައި ސްޓޭޖް ޑްރާމާތަކުން ފާހަގަވި ފަރާތްތަކާއި ފިލްމީ ފަންނާނުންގެ އިތުރުން އެދުވަސްވަރު ޓީވީއެމްގައި މަސައްކަތް ކުރަމުން ދިޔަ ބައެއް މުވައްޒަފުންގެ އަޑުއެޅުމުގެ ކުޅަދާނަ ހުނަރުތައް ފެނިގެން ދިޔަ މި ސީރީޒް އަކީ ދިވެހި އެތައް ކުޑަކުދިންނަކަށް ނަބީބޭކަލުންގެ ވާހަކަތައް އުނގަންނައިދިން މުދައްރިސެކެވެ. ދީނީ ހޭލުންތެރިކަން އިތުރު ކޮށްދިން އެދުރެކެވެ.
މުޙައްމަދު ރަސޫލު ﷲ ގެ އެ އަސަރުގަދަ ޓައިޓަލް ރާގު ކޮޅާއެކު ރޯދަމަސް އައިސްފި ކަމުގެ އިހުސާސް ކުރެވެ އެވެ. މިއަދުގެ ހެނދުނު ފެށުނީ އެގޮތުގެ މަތީންނެވެ. އިބްރާހީމްގެފާނުގެ ވާހަކަ އިން ރޯދަ މަސް ފެށިއްޖެ އެވެ.