ހދ. މަކުނުދޫގެ ތަރައްގީއަށް އެންމެ އިސްކަންދެއްވަނީ އެއާޕޯޓް ތަރައްގީކުރުމަށް ކަމަށާއި، އެ މަސައްކަތް ވަރަށް ހަލުވި ދުވެލީގައި ކުރިއަށް ގެންގޮސް ނިންމައިދޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހދ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، މަކުނުދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މަކުނުދޫގެ ތަރައްގީއަށް އެންމެ މުހިންމީ އެއާޕޯޓް މަސްރޫއު ކަމަށެވެ. އަދި މަކުނުދޫއަކީ އެންމެ އެކަހެރިކޮށް އޮންނަ ރަށްކަމަށްވެފައި، ދަތުރުފަތުރުކުރުމަށް ވެސް ދަތިތަކެއް ހުރިކަން ރައީސް ފާހަގަކުރެއްވި އެވެ.
ދުރުރާސްތާއަށް ދެމެހެއްޓެނިވި ތަރައްގީއަށް އެއާޕޯޓެއް ތަރައްގީކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އެއީ ދަތުރުފަތުރާއެކު އިގްތިސާދީ ތަރައްގީ ވެސް މަތީ ހަރުފަތަކަށް ގެންދެވޭނެ މަސްރޫއެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު މަކުނުދޫއަށް ކުރެއްވި ދަތުރުފުުގައި ވަނީ އެރަށުން ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފަށްޓަވައި، ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއާއި، އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުން ކުންފުނިތަކާ ހަވާލުކޮށްފަ އެވެ. އަދި އާ ސިއްހީ މަރުކަޒާއި، ފިޓްނަސް އެންޑް ރެކްރިއޭސަން ސެންޓަރާއި، ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ވެސް ވަނީ ރައީސްގެ މި ދަތުރުފުޅުގައި ފަށްޓަވާދެއްވާފަ އެވެ.
އެ މަސްރޫއުތަކަށް އިސާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މަކުނުދޫގައި ތަރައްގީކުރާނީ 1،800 މީޓަރުގެ ރަންވޭ އަކާއެކު ތަރައްގީކުރާ އެއާޕޯޓެއް ކަމަށެވެ. އެ މަސްރޫއާއެކު، ރަށުގެ ބޯހިޔާވަހި ކަމަށް ބޭނުންވާ ބިމާއި، އެއާޕޯޓުގެ އުމްރާނީ ވަސީލަތްތައް ވެސް އެއްބަސްވުމުގެ ދަށުން ގާއިމްކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ތައީސް ވިދާޅުވީ ރަށުގެ ބޭނުމަށް 22 ހެކްޓަރުގެ ބިން ހިއްކޭނެ ކަމަށާއި އަދި އެއާޕޯޓު ބޭނުމަށް ވެސް ބިން ހިއްކޭނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދާނީ އެކަމަށް ވަރަށް އިސްކަންދީގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މަގު ހެދުމުގެ މަސްރޫއަކީ ވެސް ރަށަށް އަސާސީކަމެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ މަޝްރޫއާއެކު އިންވެސްޓްރުކުރާ ފަރާތްތަކާއި ރައްޔިތުންނަށް ވެސް ލުއި ލިބޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެރަށުގައި ތަރައްގީކުރާ ސިއްހީ މަރުކަޒަކީ އެންމެ މަތީ ފެންވަރުގެ ލެވެލް 4ގެ ސިއްހީ މަރުކަޒެއްކަމަށެވެ. އެއާއެކު ޖާގަ އިތުރުވެ ވަސީލަތްތައް ވެސް ގާއިމުވާނެ އެވެ. އަދި ސްޕެސަލިސްޓް ޑޮކްޓަރުން މުހިންމު ދާއިރާތަކުން ހިދުމަތްދީ، އެކްސްރޭ އާއި ސްކޭނިންގެ ހިދުމަތްތާއި ޑައިލިސިސްގެ ހިދުމަތް ފަދަ މުހިންމު ހިދުމަތްތައް ގާއިމްވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިހާރު ހިނގަމުންދާ މަކުނުދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ކުރިއަށް އޮތް ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށާއި، އެއީ ތައުލީމީ ދާއިރާއިން ކުރިއެރުން ލިބޭނެ މަސްރޫއެއް ކަމަށެވެ.
ރައީސް ވަނީ އެރަށުގެ ބިން ހިއްކުން ނިމުމުން ގެދޮރުވެރިކަމުގެ ހާއްސަ މަސްރޫއުއެއް ހިންގާނެ ކަމަށް ވިދާޅުވެ، އެ މަޝްރޫއު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަން ހާމަކުރައްވާފަ އެވެ.
ރައީސް މަކުނުދޫއަށް ކުރެއްވި ދަތުރުފުުގައި ވަނީ އެ ރަށުން ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފަށްޓަވައި ދެއްވާފަ އެވެ.