ކުރީގެ ޒިކުރާ މިސްކިތް ހުރި ބުމުގައި ވަގުތީ މިސްކިތެއް ވަރަށް އަވަހަށް އަޅައި ނިމޭނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޒާހިރު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޒިކުރާ މިސްކިތް ހުރި ބިން ސާފުކުރުމުގެ މަސައްކަތް ކުރިއަށްދިޔަ ގޮތް ބައްލަވާލުމަށް ބައެއް އިލްމުވެރިން ޒިޔާރަތް ކުރެއްވި ކަމަށެވެ. އަދި ވަރަށް އަވަހަށް ވަގުތީ މިސްކިތް އަޅާ، ނަމާދުކުރެވޭ ވަރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޒިކުރާ މިސްކިތް ހުރި ބިމުގައި ރޯދަމަހަށް ވަގުތީ މިސްކިތެއް އިމާރާތްކުރުމަށް އެތަން ކޮންނަނިކޮށް މިދިޔަ އަންގާރަ ދުވަހު ވަނީ އެތަނުން މިނި ކަށިތަކެއް ފެނިފަ އެވެ. އެހެން ކަމުން، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އެތަނުގައި މިސްކިތެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އެހެން ނަމަވެސް، އެ ބިމުން މިނިކަށި ފެނުމުން އެތަނުގައި މިސްކިތް އެޅުމާމެދު ދީނީ އިލްމުވެރިންގެ މެދުގައި ވަނީ އިޚްތިލާފުތަކެއް އުފެދިފަ އެވެ.

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ބުރަވެވަޑައިގަންނަވަނީ މިނިކަށި ފެންނަ ތަންތަނުގައި މިސްކިތް ބިނާކޮށްގެން ނުވާނެ ކަމަށެވެ. އެހެން ނަމަވެސް، އިމާރާތްކުރުމުގެ ކުރިން އެ ކަށިތައް ނަގައި، އިހުތިރާމާއެކު އެހެން ތަނެއްގައި ވަޅުލުމުން ރަނގަޅުވާނެ ކަމަށް ފިގުހު އެކެޑަމީން ނިންމާފައިވާ ކަމަށް ޑރ. އިޔާޒް ވިދާޅުވި އެވެ.

ޒިކުރާ މިސްކިތް ހުރި ބިމުގައި އޮފީސް އިމާރާތަކާއެކު 10 ބުރީގެ މިސްކިތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ކުރީގެ ސަރުކާރުން ހަވާލުކުރި އެވެ. ނަމަވެސް، އަހަރެއް ވާން ކައިރިވީ އިރުވެސް މިސްކިތް އެޅުމުގެ އަމަލީ މަސައްކަތް ފެށިފައި ނުވާތީ މިސަރުކާރުން ވަނީ އެ އެއްބަސްވުން އުވާލާފަ އެވެ.