ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމާ ބެހޭ ބިލްގެ މަސައްކަތް ކުރުމަށްޓަކައި އަންނަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ ހޯމަ ދުވަހު ޖަލްސާއެއް ބާއްވަން އުޅޭކަން އެނގިފައިނުވާ ކަމަށެވެ. ނަމަވެސް ޕީއެންސީގެ މަޖިލިސް މެންބަރަކު "ހުރިހާ"އަށް ވިދާޅުވީ އެ ބިލްގެ މަސައްކަތް އަވަހަށް ނިންމުމަށް ރައީސް މުހައްމަދު މުއިއްޒުގެ ލަފާފުޅާއި އިރުޝާދު ލިބިފައިވާތީ އެކަން އަވަސްކުރަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް އަންގާފައިވާ ކަމަށެވެ.

"ރައީސް މުއިއްޒު ބޭނުންފުޅުވޭ އެ ބިލް ވީހާވެސް އަވަހަކަށް ފާސްކުރަން. އެހެންވެ އެކަމަށް ހާއްސަކޮށްގެން ދައުރުން ބޭރު ޖަލްސާއެއް ވަރަށް އަވަހަށް ބާއްވަން މަޖިލިސް ރައީސަށް ވަނީ ދަންނަވާފައި،" ޕީއެންސީގެ މަޖިލިސް މެންބަރަކު ވިދާޅުވި އެވެ.

އެ ޖަލްސާ ބޭއްވުމަށްޓަކައި ގާނޫނީގޮތުން ކުރަންޖެހޭ ކަންކަން ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އެ މެންބަރު ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން އެ ބިލް މަޖިލީހަށް ހުށަހެޅީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހެވެ.

ރައްޔިތުންގެ މަޖިލީސް ދެން ހުޅުވުމަށްފަހު، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމާ މެދު ގޮތް ނިންމާނެކަމަށް ރައީސް މުއިއްޒު ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.

ބޮޑު ދެ އިންތިހާބު އެއްކޮށްލަން ރައީސް މުއިއްޒު އުޅުއްވަނީ ހަރަދު ކުޑަކުރުމުގެ ނަމުގައެވެ. ނަމަވެސް އެއީ ނުބައި ރޭވުމެއްގެ ދަށުން ރިޔާސީ އިންތިހާބު އޮޅުވާލެވޭތޯ ކުރަމުން އަންނަ މަސައްކަތެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.