ސަރުކާރުން މީޑިއާތައް ކޮންޓްރޯލްކުރަން އުފެއްދި 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން' ވަގުތީ ގޮތުން ހިންގާ ކޮމިޓީ މިއަދު އެކުލަވާލައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވަނީ އެ ކޮމިޝަނުގެ ވަގުތީ ހިންގާ ކޮމިޓީ އެކުލަވާލައިފަ އެވެ.

ވަގުތީ ހިންގާ ކޮމިޓީގެ މެންބަރުން

  • އަލީ ޒަކީ، ސްޕޯޓްސް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް
  • އަހުމަދު މައުސޫމް، ލޯކަލް ގަވަރުމަންޓް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް
  • އާމިނަތު ނަސީރު، އިސްލާމިކް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް
  • އާމިނަތު ޝާހިދާ، އިކޮނޮމިކް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް
  • އިމާދު މުހައްމަދު، ގައުމީ އަރުޝީފުގެ ޗީފް ކޯޕަރޭޓް އެގްޒެކެޓިވް

އެ ،ކޮމިޓީގެ ޒިންމާތަކުގެ ތެރޭގައި ހިމެނެނީ ކޮމިޝަން ހިންގުމުގެ އިދާރީ މަސައްކަތްތައް ހިންގުމާއި މީޑިއާ ރަޖިސްޓްރީކުރުމަށް އަންނަ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމުމެވެ.

މީޑިއާތަކުގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމާ ގުޅޭ އެއްވެސް ކަމެއް އިންތިގާލީ ކޮމިޓީއަކަށް ނުކުރެވޭނެ އެވެ.

އެ ގާނޫނު ފަރުމާކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެ ކޮމިޝަނުގެ ކޮންޓްރޯލް ނެގޭގޮތަށެވެ.

ކޮމިޝަނުގެ ހަތް މެންބަރުންގެ ތެރެއިން ތިން މެންބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި ކޮމިޝަނުގެ ރައީސް ކަނޑައަޅާނީ ވެސް މަޖިލީހުންނެވެ. ރައްޔިތުންގެ މަޖިލީސް މިހާރު އޮޕަރޭޓްކުރަމުން ދަނީ ރައީސް މުއިއްޒު އަންގަވާގޮތަކަށެވެ. އެހެންކަމުން އެ ކޮމިޝަނަށް އައްޔަންކުރާނީ ވެސް ސީދާ ރައީސް މުއިއްޒު އަންގަވާ ބޭފުޅުންނެވެ.

އެ ގާނޫނު ބުނާގޮތުން މީޑިއާތަކުން ހަތަރު މެންބަރުން އިންތިހާބުކުރި ނަމަވެސް މަޖިލީހަށް މެންބަރުން ވަކިކުރުމުގެ ބާރު ލިބެ އެވެ. އެހެންކަމުން މިއީ ވެސް ރައީސް މުއިއްޒަށް އެ ކޮމިޝަނުގެ މެންބަރުންނަށް މަޖިލީސް މެދުވެރިކޮށް ބިރުދެއްކުމަށް ހުޅުވިފައިވާ ދޮރެކެވެ.

ސަރުކާރުން ނުރުހޭ ކަމެއް އެ ކޮމިޝަނުން ކޮށްފިނަމަ، މަގާމުން ވަކިކުރެވޭނެ އެވެ.

މީޑިއާ ކައުންސިލުން ސަރުކާރުން ނުރުހޭ އުފެއްދުމަކަށް އެވޯޑެއް ދީގެން އެ ކައުންސިލްގެ މެންބަރުންގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައި ސަރުކާރުގެ އެންގުމަށް އޭސީސީން އެ ކޮމިޝަނަށް ވަދެ ތަހުގީގެއް ފެށިކަން އިއުލާންކުރި އެވެ. މިއަދާހަމައަށް ވެސް އެ ތަހުގީގަށް ވީގޮތެއް އެނގޭ މީހަކު ނެތެވެ.

ސަރުކާރު އަޑީގައި އޮވެގެން އޭސީސީ މެދުވެރިކޮށް މީޑިއާ ކައުންސިލްގެ މެންބަރުންގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައި އެ މެންބަރުންގެ އަބުރަށް ވަނީ އަރައިގެންފަ އެވެ. ނަމަވެސް ރައީސް މުއިއްޒަށް އަބުރަށް އަރައިގަތުން ކަމަށް ވަނީ އެމަނިކުފާނުގެ ސަރުކާރުން ހިންގާ ކޮރަޕްޝަންގެ ވާހަކަތައް ދެއްކުމުންނެވެ.