ރައްޔިތުންނަށް ދޭ ޚިދުމަތްތައް އަމިއްލަ އަތުން ދިނުން މަދުކޮށް އޮޓޮމޭޓް ކުރި ވަރަކަށް ކޮރަޕްޝަން މަދުވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން މ. މުލަކަށް ވަޑައިގެން އެ މަނިކުފާނު ވަނީ، 'މޯލްޑިވްސް 2.0'އާ ގުޅޭ ގޮތުން ވާހަކަދައްކަވައިފަ އެވެ.
ރައީސް ވިދާޅުވީ ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ ތަސައްވުރު "މޯލްޑިވްސް 2.0"ގެ ނަތީޖާއަކީ ކޮރަޕްޝަން ނައްތާލެވުން ކަމަށެވެ. އަދި އެ ތަސައްވުރުގެ ބޭނުމަކީ ދައުލަތުން ރައްޔިތުންނަށް ހިދުމަތް ދެނީ ދެފުށް ފެންނަ ގޮތެއްގައިކަން ޔަގީންކުރުމާއި ކޮރަޕްޝަން ނައްތާލުން ކަމަށް ރައީސް ވިދާޅުވި އެވެ.
މިހާރުގެ ހާލަތަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ، އަމިއްލައަށް ކަންކަން ކުރުމަށް ފުރުސަތު ދީފައި އޮތުމުން ގިނަ ފަހަރަށް ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރާ ކަމަށެވެ. އެއީ، ޕްރައިވެޓް ތަންތަނާއި ސަރުކާރުގައި ވެސް ހިނގާ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެހެންވީމަ ޑިޖިޓަލައިޒްކުރެވި، އަޅުގަނޑުމެން ހިދުމަތްތައް ދިނުން އަމިއްލަ އަތުން ކުރަން ޖެހޭ ކަންކަން މަދުކުރި ވަރަކަށް، އޮޓޮމޭޓުކުރާ ވަރަކަށް މި ދެންނެވި ކޮރަޕްސަން ދާނީ މަދުވަމުން. ނެތެމުން. އެއީ، މިކުރާ ކަމަކީ. ދެފުށް ފެންނަ ގޮތް ހެދުމާއި ކޮރަޕްޝަން ނައްތާލުން،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ތަސައްވުރު ހަގީގަތަކަށް ވާނީ އެއީ، ރައްޔިތުން ބަލައިގަންނަން ޖެހޭ ކަމެއް ކަމުގައި ވެގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އޭގެއިތުރަށް ރައީސް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައި ހުރިހާ އޮފީސްތަކެއް ޑިޖިޓަލައިޒް ކުރުމަށް ބޮޑު އިންސައްތައެއް ހިމަނާނެ ކަމަށެވެ. އެ މަސައްކަތަކީ އެންމެންނަށްޓަކައި ކުރާ ކަމަކަށް ވާން ޖެހޭނެ ކަމަށާއި އެއީ ވަރަށް ދެފުށްފެންނަ ގޮތަކަށް ދާ ކަމެއްކަން ރައްޔިތުންނަށް އަންގަން ބޭނުންވާކަން އެމަނިކުފާނު ވިދާޅުވި އެވެ.
"މޯލްޑިވްސް 2.0"އަކީ ޑިޖިޓަލް ޓްރާންސްފޮމޭސަނަކަށް ރާއްޖެ ގެންދިޔުމުގައި ރައީސްގެ ގައުމީ ތަސައްވުރެއް. އެއީ ސަރުކާރުން ޚިދުމަތްކުރާ ގޮތާއި އިގްތިސާދު ކުރިއަރަމުންދާ ގޮތާއި އާންމު ހިދުމަތާއި ޒަރޫރީ މައުލޫމާތު ކޮންމެ ދިވެއްސަކަށް، ކޮންމެ ރަށަކަށް ފޯރުވާގޮތް އަލުން ބައްޓަންކުރުމުގެ ތަސައްވުރެއް ކަމަށް ސަރުކާރުން ބުނެ އެވެ.
ކުރިން ރައީސް ވިދާޅުވީ، ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ނިމުމުން ސަރުކާރު މުވައްޒަފުންގެ ތިންބައިކުޅަ އެއްބައި ވަޒީފާ އަދާކުރާނީ އެ މުވައްޒަފަކު ހުރި ތަނެއްގައި ހުރެ، 'ވޯކް ފްރޮމް ހޯމް' އުސޫލުން ކަމަށެވެ.