ހުއްދަ ނެތި ގެއަކަށް ވަދެ، މާރާމާރީ ހިންގައި އިންޒާރު ދިން މައްސަލައިގައި ހައްޔަރުކުރި ޓިކްޓޮކްގައި މަަޝްހޫރު އައިމިނަތު ފޭޒްލީން ކަފާލާތުގެ ދަށުން ދޫކޮށްލަން ކޯޓުން ޝަރުތެއް ކަނޑައަޅައިފި އެވެ.

ފޭޒްލީން، 49، އޭނާގެ އުފަން ރަށް، ގދ. ތިނަދޫގައި ގެޔަކަށް ވަދެ އިންޒާރު ދިން މައްސަލައިގައި އިއްޔެ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކުރުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ނިންމީ 10 ގަޑިއިރު ތެރޭގައި 10،000ރ. ދެއްކުމުން ބަންދުން ދޫކޮށްލުމަށް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ކޯޓުން ދީފައިވާ 10 ގަޑިއިރު ތެރޭ ކަފާލާތުގެ ފައިސާ ނުދައްކައިފި ނަމަ 15 ދުވަހަށް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.

ފޭޒްލީން ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހުގެ ރޭގެ 11:38 ހާއިރު ތިނަދޫ ގެއަކަށް ހުއްދަ ނެތި ވަދެ އެ ގޭގައި ތިބި ކުޑަކުދިންތަކެއްގެ ހާޒިރުގައި ހުތުރު ބަހުން ޒުވާބުކޮށް މާރާމާރީ ހިންގައި އިންޒާރު ދިން މައްސަލައެއްގައި ކަމަށް ފުލުހުން ބުންޏެވެ.

ކަފާލާތަކީ ކޯޓުން ކަނޑައަޅާ ޝަރުތުތަކެއްގެ ދަށުން ނުވަތަ ކޯޓުން ކަނޑައަޅާ އަދަދަކަށް ކޯޓުގައި ފައިސާ ބެހެއްޓުމަށް ފަހު ބަންދުން ދޫކުރާ އުސޫލެވެ.