ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ އުފެއްދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) ގެ އޮފީސް ހިންގުމަށް ނަގާފައިވާ އެޕާޓްމަންޓަށް ކުލި ނުދައްކައިގެން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
ދާދިފަހުން އިލެކްޝަންސް ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވެގެން އެމްޓީޑީ އުވާލައިފަ އެވެ.
ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ވަނީ އެ ޕާޓީއާއެކު ޖުލައި، 2023 ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އިމާރާތަށް ކުލި ދައްކާފައިނުވާ ކަމަށެވެ. އެހެންވެ، އެއްބަސްވުމުގެ މުއްދަތު މިހާރު ހަމަވެފައިވާތީ އެތަނުގައި ހުރި ޕާޓީގެ ތަކެތި ނެރުމަށާއި އަދި މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ދޭންޖެހޭ 380،000ރ. އާއި އެތަން ހަވާލުކުރާ ދުވަހާ ހަމައަށް މަހަކު 30،000ރ. ގެ އިތުރުން ގާނޫނީ ވަކީލުންނަށް ހަރަދު ކުރަންޖެހުނު 25،920ރ. އެކީ އެއް ފަހަރާ ހޯދުމަށް ދައުވާގައި އެދިފައިވެ އެވެ.
ސިވިލް ކޯޓުން ވަނީ އެ ދައުވާ ބާތިލްކޮށްފަ އެވެ. ސަބަބަކީ އެމްޓީޑީން ދައުވާއަށް ޖަވާބުދާރީވެފައިނުވާއިރު، ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމެއް ނެތި ހުކުމްކޮށްދިނުމަށް އެދިފައިވާތީ ކަމަށް އެ ކޯޓުން ކުރި ހުކުމްގައިވެ އެވެ.
މަދަނީ އިޖުރާއަތުގެ ތެރެއިން އަލުން އެ މައްސަލަ ޝަރީއަތަށް ހުށަހެޅުމުގެ ހައްގު މައްސަލަ ހުށަހެޅި ފަރާތަށް ލިބިގެންވާ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.