މިމަހުގެ ތިން ވަނަ ދުވަހު އިދިކޮޅު އެމްޑީޕީން މާލެ ތެރެ ހަލަބޮލިކޮށް ގްރޫޕްތައް ނެރެ ތަންތަނަށް ގެއްލުންދޭން ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާލެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދޭން ފުރުސަތު ނުދޭނެ ކަމަށެވެ.
"...ނަމަވެސް، ދިވެހި ފުލުހުންގެ ހިދުމަތުން ހުއްދަ ދީފައިވާ ރޫޓާ ހިލާފަށް، އިސްވެ ދެންނެވުނު ހިނގާލުން ކުރިއަށް ގެންދިއުމަށާއި އެކި ބައިބަޔަށް ބެހި ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ވަނީ ލިބިފަ އެވެ. މިފަދަ އަމަލުތަކަކީ މާލޭގެ އަމަން އަމާންކަމާއި އާންމު މަސްލަހަތު ގެލިދާނެ ކަންކަން ކަމުގައި މި ޚިދުމަތުން ދެކެމެވެ،"
ފުލުހުން މިފަދަ ތުހުމަތެއް ކޮށްފައިވާއިރު، މިކަމާ ގުޅޭ އެއްވެސް ހެއްކެއް ދައްކާފައެއްނުވެ އެވެ. ދާދިފަހުން ފުލުހުން ވަނީ މީހަކު ހައްޔަރުކުރާ މަންޒަރު ފޮޓޯ ނެގުމުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ހަސަން ހައްޔަރުކޮށް އޭނާގެ ބޮލުގައި ދޮގު އިލްޒާމްތަކެއް ވެސް އަޅުވާފަ އެވެ.
ރޭ ދަންވަރު ގިނަ އަދަދެއްގެ ފުލުހުން ވަނީ ރަޔަޓު ގިޔަރުގައި މާލޭގެ މަގުތަކަށް ނުކުމެފަ އެވެ. ރަޔަޓު ގިޔަރުގައި ފުލުހުން ހަރަކާތްތެރިވެފައިވަނީ އާޓިފިޝަލް ބީޗު ކައިރީގަ އެވެ.
އެގޮތުން، ސަލްމާން މިސްކިތް ކައިރި އަދި ރާޅުގަނޑު ސަރަހައްދު އަދި މަޖީދީ މަގު ޖެލީ ރެސްޓޯރަންޓު ކައިރި ފުލުހުން ވަނީ ހަރަކާތްތެރިވެފަ އެވެ.