ވީޑިއޯ ސްޓްރީމިން ކުންފުނި ޔޫޓިއުބްއާ ދެކޮޅަށް ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އައިޝްވާރްޔާ ރާއީއާއި އޭނާގެ ފިރިމީހާ އަބީޝޭކް ބައްޗަން ދައުވާ ކޮށްފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި އެ ދެމީހުން ޔޫޓިއުބްއަށް ދައުވާ ކޮށްފައިވަނީ އެ މީހުން ހިމެނޭހެން އުފައްދާފައިވާ އޭއައި ޑީޕްފޭކް ވީޑިއޯތަކެއްގެ މައްސަލައިގަ އެވެ.
އެ ވީޑިއޯތަކުގައި އައިޝްވާރްޔާއާއި އަބީޝޭކްގެ ބަދުއަހުލާގީ މަންޒަރުތަކެއް ހިމެނޭއިރު ގިނަ ބަޔަކު ވަނީ އެ ވީޑިއޯތައް ބަލައި ޝެއާކޮށްފަ އެވެ.
އެ ދެމަފިރިން ދިއްލީ ހައިކޯޓަށް ހުށައެޅި މައްސަލައިގައި ބަދަލުގެ ގޮތުގައި ޔޫޓިއުބްގެ ފަރާތުން 450،000 އެމެރިކާ ޑޮލަރު ހޯދަން ވަނީ އެދިފަ އެވެ.
މިކަމާ ބެހޭގޮތުން ޔޫޓިއުބްގެ ފަރާތުން އަދި އެއްޗެއް ބުނެފައި ނުވާއިރު މައްސަލައިގެ އަޑުއެހުން ތާވަލު ކޮށްފައިވަނީ އަންނަ ޖެނުއަރީ މަހަށެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާލާއިރު އައިޝްވާރްޔާ އެންމެ ފަހުން ފެނުނީ "ޕޮންނިއަން ސެލްވަން 2" އިންނެވެ. އަބީޝޭކް ފެނިގެންދިޔައީ "ކަލީދާރް ލާޕަތާ" އިންނެވެ.