ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަރަށް މަރުހިފުމާއި ގުޅޭ ގޮތުން ކެބިނެޓްގައި މަޝްވަރާ ކޮށްފައި ވާތީ އެއީ "ސިކު" މީހުން ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ބުނުމުން ފާޑުކިޔުން އަމާޒުވުމުން، އެމްޑީޕީއިން އެކަން ދިފާއުކޮށް ބަޔާނެއް ނެރެފި އެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނު ތެރެއިން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ދެއްކި ވާހަކަގައި ވިދާޅުވެފައިވަނީ "މީހުން މަރަން ވެގެން، ގިސާސް ހިފާނަމޭ ކިޔައިގެން، ކެބިނެޓަށް، މިއޮތް ގަރުނުގައި ކެބިނެޓަށް އެ އިންޖެކްޝަން ޖަހާލީމާ މަރުވާން ދާއިރު ހަށިގަނޑަށް ވާންވާގޮތް، ޕްރެޒެންޓޭޝަން ހަދައިގެން ހުށަހެޅި ބައެއް، ސިކު ބައެއްގެ ވާހަކަ މި ދައްކަނީ. ސިކު ބައެއްގެ ވާހަކަ މި ދައްކަނީ،" އެވެ.

މެމްބަރުގެ ވާހަކައާ ގުޅިގެން ދީނީ އިލްމުވެރިންނާ އާންމުން ހިމެނޭ ގޮތަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ.

އެކަން ދިފާއުކޮށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ވައްޑެގެ އެ ތަގުރީރުގައި ފާހަގަކުރެއްވި ނުކުތާ އަމާޒުކޮށްފައި ވަނީ ދީނަށް ނުވަތަ ދީނީ ހުކުމަކަށް ނޫން ކަމަށާއި އެއާ ޚިލާފަށް އޭނާގެ ވާހަކަ އަމާޒުކޮށްފައި ވަނީ މަރުގެ އަދަބު ދިނުމުގެ ނަމުގައި ކުރީގެ ސަރުކާރުގައި ތިބި ބަޔަކު ކަންކުރި ގޮތުގެ ވާހަކަ ކަމަށެވެ.

ވައްޑެ ދެއްކި ވާހަކަ އޮޅުވައިލައިގެން ބައެއް ދީނީ އިލްމުވެރިންނާއި ބައެއް ސިޔާސީ މީހުންނާއި އަދި ބައެއް މީޑިއާތަކުން އެކަން ފިތުނައަކަށް ވާގޮތަށް ހެދުމުގެ ސަބަބުން، އޭނާގެ ފުރާނައަށް ނުރައްކާކުރުވުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރާ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެމްޑީޕީން ބުނީ މީގެ ކުރިން އުނގޫފާރު ދާއިރާގެ ގޮނޑި ތަމްސީލުކުރައްވަމުން ގެންދެވި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަނިޔާވެރިގޮތެއްގައި އަވަހާރަކޮށްލާފައި ވަނީ ދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ ބަޔަކު ހިންގަމުންދާ ހަރަކާތްތަކެއްގެ ތެރެއިންކަން ތަހުގީގަށް އެނގޭ ކަމަށެވެ.

ވައްޑެ ދެއްކި ވާހަކައެއްގެ ހަގީގަތް ގަސްދުގައި އޮޅުވާލައި ފިތުނަ އުފައްދައިގެން އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ނިޔަތުގައި ޢަމަލުކުރާ ފަރާތްތަކުން އެކަން ވަގުތުން ހުއްޓާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އެބަޔާނުގައި ވަނީ ގޮވާލާފަ އެވެ. އަދި މިކަމުގައި ހުރި ނުރައްކާ ބޮޑުކަމަށްޓަކައި މިފަދަ މައްސަލަތައް ވަގުތުން ތަހުގީގު ކުރައްވައި ފިޔަވަޅު އެޅުއްވުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.