ރަސްމާލެ ޑިޒައިންކޮށް ޑީޓެއިލް މާސްޓާ ޕްލޭނެއް ތައްޔާރުކުރުމަށް ކޮންސަލްޓަންސީ ސާވިސް ދޭނެ ފަރާތެއް ހޯދަން ޕްލޭނިން މިނިސްޓްރީން އިއުލާންކޮށްފިއެވެ.
ރަސްމާލެ ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ތިމާވެއްޓާ ރައްޓެހި ރަށެއްގެ ގޮތުގައެވެ.
ޕްލޭނިން މިނިސްޓްރީން ގެޒެޓްގައި ޝާއިއުކުރި އިއުލާނެއްގައި ވަނީ މި މި ކޮންސަލްޓެންސީގެ މައިގަނޑު މަގްސަދަކީ ކްލައިމެޓް ރިސްކް އެޑެޕްޓިވް އައިލެންޑް ޕްލޭނިން މޮޑެލް އުސޫލުތަކަށް ފެތޭ، އަދި ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި، އިގްތިސާދީ ގޮތުން ފުދުންތެރި މާސްޓާ ޕްލޭނެއް އެކުލަވާލުންކަމަށެވެ. އަދި އެ ޕްލޭނަކީ ދުރު ރާސްތާގެ ތަރައްގީއަށް މަގުފަހިކޮށްދޭ، އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ބިނާކުރެވިފައިވާ ރޭވުންތެރި ޕްލޭނަކަށް ވާނެކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ކޮންސަލްޓަންޓެއް ހޮވާނީ ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން މެތަޑާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް ވެސް އެ އިއުލާނުގައިވެ އެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 14 ވަނަ ދުވަހާ ހަމައަށް ޝައުގުވެރިކަންފާޅުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
ރަސްމާލެއަކީ ފުށިދިއްގަރުފަޅުން 1009 ހެކްޓަރު ހިއްކައިގެން ތަރައްގީކުރަން ރައީސް މުހައްމަދު މުއިއްޒު ނިންމާފައިވާ ރަށެކެވެ. ސަރުކާރަށް ދެ އަހަރު ވީއިރު ވެސް ރަސްމާލެ ހިއްކުމުގެ މަސައްކަތް ނުނިމެ އެވެ.