އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީން އޮކްޓޯބަރު 3 ވަނަ ދުވަހުގެ ރޭ މާލޭގައި ބޭއްވި ބޮޑު މުޒާހަރާ ރޫޅާލަން އަޑުގަދަ ހަތިޔާރު (ސޮނިކް ވެޕަން) ބޭނުން ކުރުން ލާއިންސާނީ އަދަބު މަނާކުރާ، އެންޓި ޓޯޗާ ގާނޫނާ ހިލާފު ކަމަށާއި އެއީ ލާއިންސާނީ އަދި ޣައިރު ގާނޫނީ އަދަބެއް ކަމަށް، ގާނޫނީ ވަކީލް ޑރ. އަހުމަދު އަލީ ސަވާދު ވިދާޅުވެއްޖެ އެވެ.
ސޮނިކް ވެޕަން ބޭނުންކުރާ އާލާތް 2013 ވަނަ އަހަރުން ފެށިގެން ފުލުހުން ހޯދާފައި ހުއްޓަސް، ރައްޔިތުންނާ ދެކޮޅަށް "ހަތިޔާރެއްގެ" ގޮތުގައި ބޭނުން މިކުރީ ރައީސް މުއިއްޒުގެ ސަރުކާރުގަ އެވެ. މީގެ ކުރިން އެ އާލާތް ބޭނުންކޮށްފައި ވަނީ މުޒާހަރާތަކުގައި ފުލުހުންގެ އެންގުންތައް އިއުލާނުކުރަން ދޭ އެލާޓެއްގެ ގޮތުގަ އެވެ.
ނަމަވެސް އޮކްޓޯބަރު 3 ވަނަ ދުވަހުގެ ރޭގެ މުޒާހަރާގައި އެ ހަތިޔާރު މެދުކެނޑުމެއް ނެތި، އެތައް މިނެޓެއް ވަންދެން، އަޑުގެ ބާރުމިން މަތިކުރަމުން ބޭނުންކުރި އެވެ.
ސޮނިކް ވެޕަން ބޭނުންކުރި މައްސަލައިގައި އާންމުން ފާޑުކިޔަން ފެށުމުން، އެ ހަމަލާ ފުލުހުންގެ އިދާރާއިން ދިފާއުކޮށް ބަޔާނެއް ނެރެފައި ވަނިކޮށް، ކުރިން ބަންޑާރަ ނައިބުކަން ކުރެއްވި ސަވާދު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުޒާހަރާ ކޮންޓްރޯލްކުރަން ފުލުހުން އަޑުގަދަ ހަތިޔާރު ބޭނުންކުރީ އެންޓި-ޓޯޗާ ގާނޫނުގެ 10، 11، 12، 14 އަދި 15 ވަނަ މާއްދާތަކުގައި ބަޔާންކުރާ 'ނަފްސާނީ' އަދި 'ރަހުމު ކުޑަ ލާއިންސާނީ އިހާނެތި އަމަލު' ނުވަތަ ޓޯޗާގެ ގޮތުގަކަން ގާނޫނުން ސާފުކޮށް ދޭހަވާ ކަމަށެވެ.
"[އެއީ] މުޒާހިރީންގެ އިތުރުން މާލޭގެ އެސަރަހައްދުގަ ދިރިއުޅޭ ކުދިބޮޑު ހުރިހާ ރައްޔިތުނަށް އާންމުކޮށް ދިން ލާއިންސާނީ ޣައިރު ގާނޫނީ އަދަބެއް،" ސަވާދު ވިދާޅުވި އެވެ.
ހުކުރު ދުވަހުގެ ރޭ މާލޭގައި ބޭއްވި ބޮޑު އެއްވުމަށް ހުރަސް އަޅައި ފުލުހުން އެ އެއްވުން ރޫޅާލާފައިވަނީ ވަރަށް އަނިޔާވެރިކޮށް ކަމަށް ގަިނަ ބަޔަކު ދަނީ ބުނަމުންނެވެ. މި މުޒާހަރާގެ ތެރެއިން އަށް މީހަކު ހައްޔަރުކުރި އެވެ. އެހެން ނަމަވެސް ސަރުތަކަކާއި އެކު އެކަކު ދޫކޮށްލި ނަމަވެސް އަނެއް ހަތް މީޙުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ.