މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން މާލޭގައި ބޭއްވި އެއްވުމަކީ ގައުމީ ކަމެއްގެ ގޮތުގައި ދެކި ޕީއެންއެފް އިން އެ ރަސްމިއްޔާތުގައި ބައިވެރިވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ އެމްޑީޕީން އިސްވެ އިންތިޒާމު ކުރި ނަމަވެސް އެ އެއްވުމަކީ ގައުމީ ގޮވާލުމެއް ކަމަށެވެ.
އެ ބޮޑު އެއްވުމުމުގައި ބޭނުންކުރި 'ލޫޓުވައިފި، ލޫޓުވައިފި' ސްލޯގަނަސް ވެސް ޔާމީން ތާއީދު ކުރެއްވި އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ފުރަތަމަ ގައުމު އޮންނަން ޖެހޭނެއޭ ގައުމުގެ ގޮތުގައި. ގައުމުގެ ގޮތުގައި ގައުމު އޮންނާނީ ރައްޔިތުންގެ މަސްލަހަތަށް އިސްކަންދޭ ބަޔަކު ތިބެގެން. މިހާރު މި ކުރަނީ އެކަމެއް ނޫނޭ މި ސަރުކާރުގައި،" ޔާމީން ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ސަރުކާރު ޖަވާބުދާރީކުރުމަށްޓަކައި އެފަދަ އެއްވުންތައް ބާއްވަން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޑުގަނޑުމެން އެ ހަރަކާތުގައި ބައިވެރިވީ، އެމްޑީޕީން ރޭވި ނަމަވެސް އެއީ އަޅުގަނޑުމެން ގަބޫލުކުރާ ހަރަކާތަކަށްވާތީ، އެ ކޯލް އެއީ ނޭޝަނަލް ކޯލްއަކަށްވާތީ،" ޔާމީން ވިދާޅުވި އެވެ.
"ލޫޓުވައިފި، ލޫޓުވައިފި" ސްލޯގަންގެ ދަށުން ކުރިއަށް އޮތްތަނުގައި ވެސް އެއްވުމެއް ބާއްވާނަމަ އެ އެއްވުމެއްގައި ޕީއެންއެފް އިން ބައިވެރިވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.