މި މަހުގެ ތިން ވަނަ ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި ބޮޑު މުޒާހަރާ އިން ހައްޔަރުކުރިފަހުން ކ. މާފުށީ ކައުންސިލްގެ ރައީސް ހަސަން ސަލާހުގެ އިނގިއްޔެއް ބިންދާލާފައިވާ ކަމަށް އޭނާގެ ގާނޫނީ ވަކީލު ވިދާޅުވެއްޖެ އެވެ.
ސަލާހުގެ ގާނޫނީ ވަކީލު މުސްތަފާ ހަމީދު ވިދާޅުވީ ބިންދާލާފައި ވަނީ ވައަތުގެ ބޮޑުވައި އިނގިލި ކަމަށެވެ. އަދި އޭނާގެ ކަނާއަތް ފަރާތު އަރިކަށީގައި ވެސް ޒަހަމެއް އެބަހުރި ކަމަށް ވަކީލު ވިދާޅުވި އެވެ.
"ސަލާހް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން ވައަތުގެ ބޮޑުވައި އިނގިލި ފުލުހުން ވަނީ ބިންދާލާފައި. އަދި ކަނާއަތް ފަރާތު އަރިކަށީގައި ޒަހަމެއް އެބަހުރި،" ވަކީލު ވިދާޅުވި އެެވެ.
ސަލާހުއާ ހަވާލާދީ ވަކީލު ވިދާޅުވީ ހައްޔަރުކުރި އިރު އޭނާ ގަދަ ހަދާފައިނުވާއިރު، އޭނާއަށް ބޮޑެތި އަނިޔާތަކެއް ފުލުހުން ދީފައިވާ ކަމަށެވެ.
ސަލާހުއަށް ފަރުވާ ދިނީ އަނިޔާ ދިންތާ 24 ގަޑިއިރު ފަހުން ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
އެ މައްސަލަ ހިއުމަންރައިޓްސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ. އަދި އޭނާގެ ބަންދު އަމުރު މުރާޖައާ ކުރަން ހުށަހަޅަން ވެސް ވަކީޅު ވަނީ ނިންމަވާފަ އެވެ.