ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އދ. މަހިބަދޫގައި ރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި އޮކްޓޫބަރު މަހު ފެށުނު ރައްޔިތުންގެ މަޖިލީހުގެ ދައުރަށް 27 ބިލެއް ހުށަހެޅުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އޭގެ ތެރޭގައި އާ ގާނޫނުތަކެއްގެ ގޮތުގައި ތައާރަފު ކުރެވޭނެ 12 ގާނޫނެއްވެސް ހިމެނޭކަމުގައި ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ގާނޫނު އަސާސީއަށް ގެނެވޭ އިސްލާހެއް ހިމެނޭގޮތަށް، އިސްލާހުތަކެއް ވެސް އޭގެތެރޭގައި ހިމެނޭކަމުގައި ރައީސް ވިދާޅުވި އެވެ. ގާނޫނު އަސާސީއަށް ގެނެވޭ އިސްލާހަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށް ބޭއްވުމަށް ހުށަހެޅޭ އިސްލާހެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިއީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ކަމެއްކަމުގައި ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
ބޮޑު ދެ އިންތިހާބު އެއްކޮށްލަނީ ހަރަދު ކުޑަކުރުމުގެ ގޮތުން ކަމަށް ރައީސް ވަނީ މީގެކުރިން ވިދާޅުވެފަ އެވެ. ނަމަވެސް ފެންނަމުން ދަނީ ދުވަހެއް ދުވަހަކަށް ސިޔާސީ މަގާމްތަކަށް އިތުރު މީހުން އައްޔަންކޮށް ދައުލަތުގެ ހަރަދު ބޮޑުވާމަންޒަރެވެ.
އެ ދެ އިންތިހާބު އެއްކޮށްލަނީ އާ ގާނޫނުއަސާސީއާއެކު ރާއްޖެއަށް ތައާރަފްކުރި ޑިމޮކްރެޓިކް އުސޫލުން ދެފުށް ފެންނަގޮތަށަށް ވޯޓުލުމާއި ވޯޓު ގުނުމުގެ އުސޫލުތައް ރައީސް މުއިއްޒު ބޭނުންވާގޮތަކަށް ބަދަލުކޮށް ރިޔާސީ އިންތިހާބުގައި މަކަރު ހަދައި އޮޅުވާލައިގެން ދެވަނަ ދައުރެއް ކަށަވަރުކުރަން މަގުފަހިކުރަން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ.