މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒްއަކީ އޭނާގެ ހަޔާތުގެ ކަންކަން އޭނާގެ ސަޕޯޓަރުންނަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ކިޔައިދޭ ތަރި އެކެވެ.

އެގޮތުން އޭނާގެ އަމިއްލަ ކޮޓަރީގައި އެކަނި ނިދުމަކީ ބިރުވެރި ކަމެއް ކަމަށް ސެލީނާ މީގެ ކުރިން ބުނެފައިވާއިރު އޭގެ ސަބަބު ވެސް އޭނާ ވަނީ ކިޔައިދީފަ އެވެ.

އެކަނި ނިދުމަކީ އޭނާއަށް ނުތަނަވަސް ތަޖުރިބާތަކެއް ކުރެވޭ ކަމެއް ކަމަށް ސެލީނާ ބުންޏެވެ. އެގޮތުން ނިދަން އޮށޯތުމުން ސްޓްރެސްއާއި ޑިޕްރެޝަން އިތުރަށް ބޮޑުވާ ކަމަށް އޭނާ ބުނެ އެވެ.

"ގިނަ ބަޔަކަށް އެމީހުންގެ އެނދަކީ އެންމެ ރައްކާތެރި އެއް ތަން. އެކަމަކު އަހަންނަށް އެއީ ބިރުވެރި ހޮހޮޅައެއް" ސެލީނާ ބުނެފައިވެ އެވެ.

ސެލީނާއަށް ބައިޕޯލާ ޑިސްއޯޑާ ބަލި ޖެހިފައިވާކަން 2020 ވަނަ އަހަރު އެނގުނު ފަހުން އޭނާ އަންނަނީ އޭނާގެ ނަފްސާނީ ސިއްހަތުގެ ވާހަކަތައް އާއްމުންނާ ހިއްސާ ކުރަމުންނެވެ.

އޭގެ އިތުރުން ވެސް ސެލީނާއަކީ މިހާރު ނަފްސާނީ ދުޅަހެޔޮކަމަށް ވަކާލާތުކުރާ އެކްޓިވިސްޓެއް ވެސްމެ އެވެ. އޭނާ ވަނީ ނަފްސާނީ ސިއްހަތަށް ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.