ހަނިމާދޫ އިންޓާނޭޝަނަލް އެއާޕޯޓުގައި އަލަށް ހެދި ޓާމިނަލްގެ އޮޕަރޭޝަންސްތައް މާދަމާ އިން ފެށިގެން ބަދަލުކުރުމަށް ނިންމައިފި އެވެ.
އެމްޑީޕީ ސަރުކާރުން ހަދަން ފެށި ހަނިމާދޫ އެއާޕޯޓުގެ އާ ޓާމިނަލް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 9 ވަނަ ދުވަހު އެވެ. އިންޑިއާގެ ޖޭއެމްސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ 136.6 މިލިއަން ޑޮލަރުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
އެ އެއާޕޯޓު ހިންގަން އަލަށް ހަވާލުވި އެމްއޭސީއެލްއިން ބުނީ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ވަމުންދާ ތައްޔާރީގެ ތެރެއިން މިހާރު ބޭނުންކުރަމުން އަންނަ ބާ ޓާމިނަލްގެ އޮޕަރޭޝަންތައް މާދަމާއިން ށިގެން އާ ޓާމިނަލްގެ ތިރީ ފަންގިފިލާއަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެމްއޭސީއެލް އިން ބުނިގޮތުގައި މިބަދަލަކީ ސިވިލް އެވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ އެއްގޮތަށް، ކޯޑް ސީގެ މަތިންދާބޯޓުތައް ޖެއްސުމަށްޓަކައި ގެންނަންޖެހޭ ބަދަލެކެވެ. އެގޮތުން ކޯޑް ސީގެ މަތިންދާ ބޯޓު ޖެއްސޭނީ މުޅި ރަންވޭ ބޭނުންކޮށްގެން ކަމަށްވާތީ، ރަންވޭގެ ކްލިއަރެންސް ހޯދުމަށްޓަކައި، ރަންވޭއާއި އިންވެގެން ހުރި ކުރީގެ ޓާމިނަލް އިމާރާތާއި، އުސްތަންތަން ހުސްކުރަންޖެހޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.
"އެހެންކަމުން ބާ ޓާމިނަލް އިމާރާތުގައި ދެމުންދިޔަ ޚިދުމަތްތައް އާ ޓާމިނަލްއަށް، އޮރާޓާ ޕްރޮސެސްގެ ތެރެއިން ބަދަލުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ރަސްމީކޮށް ހުޅުވުމަށް، ޓާމިނަލްގެ ޚިދުމަތްތަކާއި ޕްރޮސީޖާތައް ތައްޔާރުކުރުމާއި އިކުއިޕްމަންޓް އަދި މެޝިނަރީސް ޓެސްޓުކުރުމުގެ މަސައްކަތްދަނީ ކުރަމުން. އަދި އާ ޓާމިނަލްގެ ޚިދުމަތް ދިނުމަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކުރުމާއި ބައިނަލްއަގުވާމީ އަދި ސިވިލް އެވިއޭޝަންގެ މިންގަނޑުތަކަށް އެއާޕޯޓުގެ އޮޕަރޭޝަންސްތައް ފެއްތުމަށް އަންނަނީ މަސައްކަތްކުރަމުން،" އެމްއޭސީއެލް އިން ބުންޏެވެ.
ހަނިމާދޫ އިންޓްރނޭޝނަލް އެއާޕޯޓުގައި ތަރައްގީކޮށްފައި ވަނީ 2،465 މީޓަރުގެ ދިގު، ކޯޑް ސީގެ އެންމެ ބޮޑެތި މަތިންދާބޯޓު ކަމަށްވާ ބޮއިން 737 އާއި އެއާބަސް A320ގެ ބޯޓުތައް ޖެއްސޭ ފެންވަރުގެ ރަންވޭއެކެވެ. އެންމެ ޒަމާނީ އަދި ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ ގޮތަކަށް ތަރައްގީކުރަމުން އަންނަ ހަނިމާދޫ އިންޓާނޭޝަނަލް އެއާޕޯޓަކީ އަހަރަކު 1.3 މިލިއަން ޓޫރިސްޓުންނަށް ޚިދުމަތް ދެވޭ ފެންވަރުގެ އެއާޕޯޓެކެވެ.