ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާނިމިނަލު ބޭނުން ކުރަން ފަށައިފި އެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ކްރެޑިޓް ލައިންގެ ދަށުން ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް މިދިޔަ ދައުރުގައި ފަށައި ބޮޑު ބައެއް ނިންމާފައި ވީނަމަވެސް އެއާޕޯޓުގެ މަސައްކަތް ނުނިމި ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.

ހަނިމާދޫ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ބުނީ ހަނިމާދޫ އެއާޕޯޓުގެ އޮޕަރޭޝަންތައް އާ ޓާމިނަލްގެ ގްރައުންޑް ފްލޯއަށް އިއްޔެ ބަދަލުކޮށްފައިވާ ކަމަށެވެ.

އެ ބަދަލު ގެންނަނީ އެ ޓާމިނަލް ހުޅުވަން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ އެއްގޮތަށް ހުރިހާ ވައްތަރެއްގެ ކޯޑް ސީ މަތިންތާބޯޓުތަކަށް އާ ރަންވޭއަށް ޖެއްސޭނީ މުޅި ރަންވޭ ބޭނުންކޮށްގެން ކަމަށްވާތީ، ރަންވޭއަށް ކްލިއަރެންސް ހޯދުމަށް މިހާރު ބޭނުންކުރާ ޓާމިނަލާއި އެ ތަނާއި އިންވެގެން ހުރި އިމާރާތްތަކާއި އުސް ތަންތަން ނަގައި ހުސްކުރަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އެމްޑީޕީ ސަރުކާރުން ހަދަން ފެށި ހަނިމާދޫ އެއާޕޯޓުގެ އާ ޓާމިނަލް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 9 ވަނަ ދުވަހު އެވެ. އިންޑިއާގެ ޖޭއެމްސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ 136.6 މިލިއަން ޑޮލަރުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

ހަނިމާދޫ އިންޓްރނޭޝނަލް އެއާޕޯޓުގައި ތަރައްގީކޮށްފައި ވަނީ 2،465 މީޓަރުގެ ދިގު، ކޯޑް ސީގެ އެންމެ ބޮޑެތި މަތިންދާބޯޓު ކަމަށްވާ ބޮއިން 737 އާއި އެއާބަސް A320ގެ ބޯޓުތައް ޖެއްސޭ ފެންވަރުގެ ރަންވޭއެކެވެ. އެންމެ ޒަމާނީ އަދި ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ ގޮތަކަށް ތަރައްގީކުރަމުން އަންނަ ހަނިމާދޫ އިންޓާނޭޝަނަލް އެއާޕޯޓަކީ އަހަރަކު 1.3 މިލިއަން ޓޫރިސްޓުންނަށް ޚިދުމަތް ދެވޭ ފެންވަރުގެ އެއާޕޯޓެކެވެ.