ކުރީގެ ސަރުކާރުތަކުން ނުރަނގަޅު ކަމެއް ކޮށްފައި އޮތުމަކީ ދެން އަންނަ ސަރުކާރުތަކުން އެކަން ތަކުރާރުކުރަން ލިބޭ ހުއްޖަތެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ނިމިދިޔަ ވެރިކަމުގައި ނުރަނގަޅު ކަމެއް ހިނގާފައި އޮތުމަކީ، މި ވެރިކަމުގައި ވެސް އަދި ދެން އަންނަ ވެރިކަމެއްގައި ވެސް ހަމަ އެކަން އެގޮތަށް ކުރަން އޮތް ހުއްޖަތެއް ނޫން ކަމަށެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން ފައިސާ ޗާޕްކުރަން މަސައްކަތް ކުރަމުން އަންނ ދަނޑިވަޅެއްގަ އެވެ. އެކަންކުރަނީ ސަރުކާރުން ކޮންޓްރެކްޓަރުންނަށް ނުދައްކާ ހުރި 2.3 ބިލިއަން ރުފިޔާ ދެއްކުމަށެވެ.

މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން ސަރުކާރުގެ އެކި ފަރާތްތަކުން ބުނަނީ ކުރީ ސަރުކާރުން ވެސް ފައިސާ ޗާޕްކުރި ކަމަށެވެ.

ފައިސާ ޗާޕު ކުރަން މި ސަރުކާރުން ނިންމާފައިވާގޮތަކީ މަރުކަޒީ ބޭންކުން ޕެންޝަން އޮފީހަށް ފައިސާ ދިނުމުން، އެ އޮފީހުން ފައިނޭންސް މިނިސްޓްރީގެ ބޮންޑަކަށް އިންވެސްޓުކޮށްގެންނެވެ.

މިކަމާ ދެކޮޅު ހެދުމުގެ ގޮތުން ޕެންޝަން އޮފީހުގެ ބޯޑު މެންބަރު އަހްމަދު ސަރުވަޝް އާދަމް އިއްޔެ ވަނީ އިސްތިއުފާދެއްވާފަ އެވެ.