އާންމުކޮށް ދެކެވޭ ވާހަކައެކެވެ. ރާއްޖެއާއި ސިންގަޕޫރަށް މިނިވަންކަން ލިބުނީ އެއް އަހަރެއްގަ އެވެ. ސިންގަޕޫރު ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ޖާގަ ހޯދިއިރު ރާއްޖެ އުޅެނީ ހަމަ އިސްކޮޅަށް ތެދު ނުވެވިގެންނެވެ. ކީއްވެގެން ހެއްޔެވެ؟ ސުވާލުގެ ޖަވާބު އޮތީ ކަލަންޑަރުގައެއް ނޫނެވެ. އެހެނަސް ކަމާ ގުޅުން ހުރި އެހެން ހަގީގަތްތަކުގެ ފަހަތުގަ އެވެ. އެ ހަގީގަތްތަކާ މެދު ވިސްނާ ބަލާލުމަކީ މިއަދުގެ ދިވެހި މުޖުތަމައުގެ ގިނަ ބަޔަކު ކުރަމުންދާ ސުވާކަށް ޖަވާބު ހޯދުމަށް ކުރަން ޖެހިފައިވާ މުހިންމު ކަމެކެވެ.
ޖުލައި 26، 1965 ވަނަ ދުވަހު ރާއްޖެއަށް މިނިވަންކަން ލިބުނެވެ. ހަމަ އެއަހަރުގެ އޮގަސްޓު މަހު ނުވަ ވަނަ ދުވަހު ސިންގަޕޫރަށް ވެސް މިނިވަންކަން ލިބުނެވެ. އެއްބައެއްގެ ދަށުންނެވެ. އެއީ މުޅި އޭޝިއާގެ ހުރިހާ ގައުމުތަކެއް ހިފައިގެން ވެރިކަން ހިންގަމުން ގެންދިޔަ އިނގިރޭސިންނެވެ. ރާއްޖެއަށް މިނިވަންކަން ލިބުނު ޚަބަރު އިނގިރޭސި ނޫހެއްގައި ލިޔެފައި އޮތީ ދިވެހިރާއްޖެއަށް މިނިވަންކަން ލިބުމަކުން ގައުމަށް އެއްވެސް ބަދަލެއް ނާނަނާނެ ކަމަށެވެ. އެ ނޫހުގައި އޮތް ގޮތުން ރާއްޖެއިން ކޮމަންވެލްތާ ވެސް އދ. އާ ވެސް ގުޅޭނެ ކަމަށް ނުބެލެވެ އެވެ. ސަބަބަކީ ރާއްޖެއާއެކު ބޭރުގެ ގުޅުން އޮންނަނީ ހަމަ އެކަނި ސްރީލަންކާ އާ ކަމަށް ވެފައި އެ ގައުމަށް ވިއްކާ ހިކި މަސް ފިޔަވައި ރާއްޖޭގައި އާމްދަނީ ލިބޭނެ ގޮތެއް ނެތުމެވެ. އެހެންކަމުން މިނިވަންކަން ލިބުމަކުން ރާއްޖޭގެ ހައިސިއްޔަތަކަށް ވަކި ބަދަލެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށް ލިޔެފައި އޮތެވެ.
ރާއްޖެއަށް މިނިވަންކަން ލިބުމުގެ އެއް މަސް ފަހުން ސިންގަޕޫރަށް ވެސް މިނިވަންކަން ލިބުނެވެ. މިނިވަންކަން ލިބުމުގެ ކުރިން ސިންގަޕޫރަކީ އިނގިރޭސިންގެ ފުރިހަމަ ކޮލޮނީ އެކެވެ. އެހެން ވެސް އެފަދަ ކޮލޮނީތަކެކޭ އެއްފަދައިން، އިނގިރޭސިން ސިންގަޕޫރު ބައްޓަން ކޮށްފައި އޮތީ އެ މީހުންނަށް ބޭނުންވާ ޚިދުމަތްތައް ފުރިހަމައަށް ލިބޭ ފަދަ ތަނެއްގެ ގޮތުގަ އެވެ. އިނގިރޭސިންގެ ވިޔަފާރި ރޫޓުތަކުގެ ޓްރާންސިޓް ހަބެއްގެ ގޮތުގައި ސިންގަޕޫރު އޮތީ ބައްޓަން ކޮށްފަ އެވެ. އެކަމަށް ބޭނުންވާ ވިޔަފާރި ބަނަދަރު އޮތީ ހަދައިފަ އެވެ. ވެއާ ހައުސްތަކާ މަގުތައް ވެސް އޮތީ ހަދައިފަ އެވެ. ވިޔަފާރީގެ މުއާމަލާތްތަކަށް ބޭނުންވާ ފައިސާ އާއި ބޭންކިން ނިޒާމު އޮތީ ގާއިމުކޮށްފަ އެވެ. އެހެންކަމުން އިނގިރޭސިން ފައިބައިގެން ދިއުމާއެކު ސިންގަޕޫރުގެ ލީޑަރުންނަށް ލިބުނީ ތަރައްގީގެ މަގުގައި ފަށާފައި އޮތް ދަތުރެއް ބާރު ސްޕީޑުގައި ކުރިޔަށް ގެންދާނެ ފުރުސަތެވެ. އިނގިރޭސިން އަޅާއިފައި އޮތް ބިންގަލުގެ މަތީގައި ގައުމު ބިނާކުރުމަށް ސިންގަޕޫރުގެ ލީޑަރުން މަސައްކަތް ކުރީ އާދަޔާ ޚިލާފު ކުޅަދާނަކަމަކާ އެކު އެވެ. ގައުމީ ޖޯޝުގައި ގައުމު ހިންގަން ފެށި ވެރިން، ވެރިކަން ކުރަމުން ގެންދިޔައީ ނުހަނު ޚުދު މުޚުތާރުކަމާ އެކު އެވެ. ހަރުކަށި ގަވާއިދުތަކަކާ އެކު ގާނޫނުތައް ތަންފީޒު ކުރަމުން ގެންދިޔައީ ސަރުކާރަށް ރައްޔިތުންގެ ޕްރެޝަރެއް ނެތި އެވެ.
ސިންގަޕޫރާ ޚިލާފަށް ދިވެހިރާއްޖެއަކީ ދުވަހަކު ވެސް އިނގިރޭސި ކޮލޮނީއެއްގެ ގޮތުގައި އޮތް ގައުމެއް ނޫނެވެ. އެހެންކަމުން ރާއްޖޭގެ ހިންގުމާއި ތަރައްގީގައި އިނގިރޭސިންގެ އެއްވެސް ދައުރެއް ނެތެވެ. އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި އޮތްހާ ދުވަހަކު އިނގިރޭސިން ބަލާފައި އޮތީ ރާއްޖޭގެ އެތެރޭގައި އޭރު އޮތް ސިޔާސީ ގޮތުން ބާރުގަދަ ދެ އާއިލާގެ ތެރެއިން އެ މީހުނަށް ފަސޭހައިން ކޮންޓްރޯލް ކުރެވޭނެ ކަމަށް ފެނުނު އާއިލާއަކަށް ބާރުވެރިކަން ދީގެން އެ މީހުން ރުއްސައިގެން އުޅުމުވެ. އެހެންކަމުން އިނގިރޭސިންގެ އަތް ދަށުން މިނިވަން ވިއިރު ރާއްޖޭގައި އިގުތިސާދީ އެއްވެސް ހަރަކާތެއް ނެތެވެ. ފައިސާގެ ސިޔާސަތެއް ނެތެވެ. ބޭންކިންގެ އިންތިޒާމެއް ގާއިމުވެފައެއް ނެތެވެ. މުއާސަލާތީ ގުޅުމެއް ނެތެވެ. ދަތުރު ފަތުރުގެ ވަސީލަތެއް ގާއިމްވެފައެއް ނެތެވެ.
ތަރައްގީގެ އެއްވެސް ކުލަވަރެއް ވެސް، އުންމީދެއް ވެސް، ފެންނަން ނެތް ރާއްޖެއަށް މިނިވަންކަން ހޯއްދަވައި ދެއްވެވި ލީޑަރު ކަމަށްވާ ރައީސް އިބްރާހިމް ނާސިރު ވަނީ އަޖައިބުވާ ފަދަ ހަލުވި މިނެއްގައި ރާއްޖޭގެ ތަރައްގީގެ ދަތުރު ކުރިއަށް ގެންދަވާފަ އެވެ.
މުއާސަލާތީ ޚިދުމަތް ފަށްޓަވައި ޓީވީއާއި ރޭޑިއޯގެ ޚިދުމަތް ގާއިމުކުރެއްވީ މަދު އަހަރުތަކެއްގެ ތެރޭގަ އެވެ. އެއާޕޯޓު ހައްދަވައި ޓޫރިޒަމްގެ ވިޔަފާރި ފެށްޓެވީ އެއީ ނުވާނެކަމެއް ކަމަށް ތަޖުރިބާކާރުން ބުނަމުން ދަނިކޮށެވެ. ދޯނިފަހަރުގައި އިންޖީނު އަޅުއްވައި މަސްވެރިކަމަށް އިންގިލާބެއް ގެންނެވުމަށް ފަހު ގައުމު ތަރައްގީގެ ރޭހުގައި ފައިހަމަ ކުރެވުނު ތަނާ، ރާއްޖޭގެ އެތެރޭގައި ވެރިކަމާ ތޮޅޭނެ ޒުވާނުންތަކެއް އުފެދުމުގެ ސަބަބުން އެ މީހުންނާ ގައުމު ހިންގެވުމާ ހަވާލު ކުރައްވައި ނާސިރު ރާއްޖެ ދޫކުރައްވައި ސިންގަޕޫރަށް ފުރާވަޑައިގެންނެވިއިރު ރާއްޖެ އޮތީ ތަރައްގީގެ އުސް ހަރުފަތަކަށް ވާސިލްވެފަ އެވެ.
ސިންގަޕޫރާއެކު މިނިވަންކަން ލިބުނު ދިވެހި ރާއްޖެއަށް ތަރައްގީގެ ރޮނގުން ސިންގަޕޫރާ ފައިހަމަ ނުކުރެވުނީ ކީއްވެތޯ ސުވާލުކުރާ ނަމަ އެ ސުވާލުގެ ޖަވާބު ހޯދުމަށްޓަކައި މިނިވަންކަން ލިބުނުއިރު ދެ ގައުމު އޮތް ހާލަތަށް ރިއާޔަތް ކުރުން މުހިންމެވެ. އެ ހާލަތަށް ވިސްނުމެއް ނެތި ރާއްޖޭގެ ތަރައްގީ ސިންގަޕޫރާ އަޅާ ކިޔުމަކީ އިންސާފުވެރި ކަމަކަށް ނުވާނެ އެވެ.
ކެއިންބުއިމުގައި ދަޅުކާނާ ބޭނުން ނުކުރަންވީ މިހެންވެ!
އައްޑޫގެ ތަރައްގީއަށް އެކުގައި މަސައްކަތް ކުރަންޖެހޭ: ނިޒާރު
އައްޑޫ ބައިބައި ކުރާ ވޯޓު: ކިޔޫތައް ބަންދުކޮށް ވޯޓު ގުނަނީ