ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް، ސަރުކާރާއި ސަރުކާރުން ހިއްސާވާ ކުންފުނިތަކުގެ އިސްފަރާތްތައް އެކި ރަށްތަކަށް ކުރެއްވި ދަތުރުތަކުން ލިބުނު ގެއްލު ބޮޑު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ ވިދާޅުވެއްޖެ އެވެ.

ރާއީ މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓެއްގައި އެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއިން ބޭނުންކުރި ރަށްވެހި ފަތިސް ލޯގޯ އާއެކު ކުރެއްވި ޓްވީޓްގައި ރާއީ ވިދާޅުވެފައިވަނީ އިންތިޚާބު ގާތްވުމުން ވަކި ކަންތައްތަކެއް ހާސިލްކުރަން ރަށްތަކަށް ދަތުރުކުރުމުން، އޭގެ ގެއްލުން ކުރިމަތިވި ކަމަށާއި، އެބޭފުޅުން ރަށްތަކަށް ވަޑައިގެން ކުރެއްވި ކަންތައްތަކުގެ ސަބަބުން އިންތިޚާބަށް އޭގެ އަސަރު ކޮށްފައިވާ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ފެށެން ކައިރިވެފައިވަނީކޮށް، ސަރުކާރާއި، ސަރުކާރުގެ ކުންފުނިތަކުގެ ބައެއް އިސް ބޭފުޅުންނާއި، ބައެއް މަޖިލިސް މެމްބަރުން އެކި ދާއިރާތަކަށް ވަޑައިގެން، އެކި މަޝްރޫއުތައް އިފްތިތާހު ކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންފައިވެ އެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ކުރިން އެމްޑީޕީން ދަމަހައްޓަމުން އައި ކައުންސިލްގެ ގިނަ ގޮނޑިތައް، އިދިކޮޅު ކޯލިޝަނުން ވަނީ ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ސާފު އަޣުލަބިއްޔަތު އޮތް މާލޭ ސިޓީ ވެސް ހިމެނެ އެވެ.