ޅ. އޮޅުވެލިފުށީގައި ކަރަންޓު މައްސަލަ ބޮޑުކަން އިހުސާސްވީ އެ ރަށަށް ވަޑައިގަތަމުން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ޅ. އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން އޮޅުވެލިފުށި ރައްޔިތުންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ އެ ރަށުގައި ކަރަންޓު މައްސަލަ އުޅޭކަން މީގެ ކުރިން ވެސް އެކި ގޮތްގޮތުން އެނގޭ ކަމަށާއި އެކަމަކު މައްސަލައިގެ މުހިންމުކަން އިހުސާސްވީ ރަށަށް ވަޑައިގަތުމުން ކަމަށެވެ.
ރައީސް ވިދާޅުވީ ރަށުގެ ރައްޔިތުންނާއި ވާހަދައްކާލައި ކަން އޮތްގޮތް އެނގުމުން ވަރަށް އެކަމުގެ ކްރިޓިކަލް ކަން އެނގިއްޖެ ކަމަށާއި އެހެން ކަމުން އޮޅުވެލިފުށީގެ ކަރަންޓުގެ މައްސަލަ ވަރަށް ގާތުން ބަލަމުން ދާނޭ ކަމަށެވެ.
"ހަމަ ވަރަށް ގާތުން މިކަން އަޅުގަނޑުމެން ބަލަމުންދާނަން. އަޅުގަނޑަށް އިހުސާސް ކުރެވިއްޖެ މި ރަށަށް އައިސް ތިބޭފުޅުންނާ ވާހަކަ ދެއްކީމަ އިތުރަށް ޔަގީންވެގެން ހިނގައްޖެ މީގައި ހުރި ކްރިޓިކަލްކަން. ކޮންމެ ގޮތެއް ވިޔަސް ލިޔެކިޔުމުން ސިޓީބިޓީން ބައްދަލުވުންތަކުން ކުރީގައި ވެސް މައުލޫމާތު އެބަހުރި. އެކަމަށް މަސައްކަތްތަކެއް ވެސް ކުރެވިފައި މިހުރީ," މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އޮޅުވެލިފުށީގެ ކަރަންޓު މައްސަލަ އަޕްގްރޭޑް ނުކުރެވި އޮތުމުގެ ސަބަބުން ނިމިފައިވާ ނަރުދަމާގެ ނިޒާމާއި ސިއްހީ މަރުކަޒަށް އިތުރު ކުރެވުނު ޖާގައިގެ ބޭނުން އެކަށީގެންވާ ގޮތެއްގައި ނުހިފޭ ކަމަށާއި ޖުމްލަކޮށް ކަރަންތުގެ މައްސަލަ ހައްލު ނުވެ އޮތް ކަމަށެވެ.
ކަރަންޓު މައްސަލަ ހައްލު ކުރުމަށް އެންމެ ފުރަތަމަ އަޅާ ފިޔަވަޅެއްގެ ގޮތުގައި މިހާރު ބޭނުން ނުކުރެވި އޮތް ނަރުދަމާ އާއި ސިއްހީ މަރުކަޒަށް އިތުރު ކުރެވުނު ބައިގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ ގޮތަށް ކަރަންޓު އަޕްގްރޭޑް ކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އެންމެ ލަސްވެގެން އޮޅުވެލިފުއްޓަށް ދިމާވެފައި އޮތް ކަރަންޓުގެ މުޅި މައްސަލައަށް ހައްލު ހޯދައިދެއްވާނެ ކަމަށެވެ. މިދިޔަ ރޯދަ މަހަށް ހުރިހާ ރަށެއްގައި ކަރަންޓުގެ މައްސަލަ ހައްލުކޮށް ނިންމާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް އެކަން އެގޮތަށް ކުރެވިފައެއް ނުވެ އެވެ.
ދައުވާ ނުކުރާ މައްސަލަތަކުގެ ލިޔެކިޔުން ނައްތާނުލަން އަންގައިފި
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ލިބިއްޖެ
ބިދޭސީންތަކެއްގެ އަތުން ވަގަށް ނެގި 20،000 ޑޮލަރު ހޯދައިފި