ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ދޭން އިއުލާނުކުރި ފައިސާއަށް 18 މީޑިއާއެއްގެ ޝަރުތު ހަމަވެ، ޖުމްލަ 28 މިލިއަން ރުފިޔާ ބަހާލަން ނިންމާފައިވާ ކަން މިއަދު އިއުލާނުކޮށްފި އެވެ.
ޔޫތު މިނިސްޓްރީން މިއަދު އިއުލާނުކޮށްފައިވާ ލިސްޓުން އެނގޭ ގޮތުގައި ބަޖެޓުން ދޭ ފައިސާއަށް ޖުމުލަ 18 މީޑިއާއެއްގެ ވަނީ ޝަރުތު ހަމަވެފައެވެ. އެ މީޑިއާތަކަށް ޖުމުލަ ދޫކުރަން ނިންމާފައިވަނީ 27.9 މިލިއަން ރުފިޔާ އެވެ.
ލިސްޓުން އެނގޭ ގޮތުގައި އެއް މީޑިއާއަކަށް އެންމެ ގިނައިން ފައިސާ ލިބެނީ ޔޫތު މިނިސްޓަރު މުހައްމަދު ވަހީދު (އަސްވާޑް) ހިންގަވާ ސަންގު ޓީވީއަށެވެ. އެ ޓީވީއަށް 3.8 މިލިއަން ރުފިޔާ ލިބޭއިރު ސަންގު އޮންލައިނަށް ވަކިން 1.3 މިލިއަން ރުފިޔާ ލިބެ އެވެ. އެއީ ސަންގަށް ޖުމުލަ 5.1 މިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން އެސްއެސް މީޑިއާއަށް ޖުމުލަ 4.3 މިލިއަން ރުފިޔާ ލިބެ އެވެ. އެއީ، ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ނޫސް "ސަން އޮންލައިން"އަށް 1.3 މިލިއަން ރުފިޔާ އަދި އެސްއެސް ޓީވީއަށް 2.9 މިލިއަން ރުފިޔާ އެވެ.
އެހެން މީޑިއާތަކަށް ލިބުނު ފައިސާގެ ތަފުސީލު:
- ވީޓީވީއަށް ތިން މިލިއަން ރުފިޔާ
- ވީނިއުސް އެމްވީއަށް 1.1 މިލިއަން ރުފިޔާ
- ވަން އޮންލައިނަށް 1.37 މިލިއަން ރުފިޔާ
- ވޮއިސް އެމްވީއަށް 1.36 މިލިއަން ރުފިޔާ
- ދަ ޕްރެސްއަށް 1.34 މިލިއަން ރުފިޔާ
- ދައުރު ނޫހަށް 1.3 މިލިއަން ރުފިޔާ
- މިހާރު ނޫހަށް 1.29 މިލިއަން ރުފިޔާ
- މިހާރުގެ އިނގިރޭސި އެޑިޝަންއަށް 1.17 މިލިއަން ރުފިޔާ
- ތިލަދުންއަށް 1.2 މިލިއަން ރުފިޔާ
- އަދަދު ނޫހަށް 1.17 މިލިއަން ރުފިޔާ
- ތީރު މީޑިއާއަށް 1.14 މިލިއަން ރުފިޔާ
- ދިޔަރެސްއަށް 1.1 މިލިއަން ރުފިޔާ
- ގާފު އޮންލައިނަށް އެއް މިލިއަން ރުފިޔާ
- މާލްދީފް އޮންލައިނަށް 899،197.77 ރުފިޔާ
މީޑިއާތަކަށް ފައިސާ ދިނުމަށް ޕޮއިންޓްދޭ އުސޫލެއް ކަނޑައަޅާފައިވާއިރު އެ އުސޫލުން ބަލާ ކަންތައްތަކުގެ ތެރޭގައި މުވައްޒަފުންގެ ތައުލީމީ ފެންވަރާއި މިންތީގެ ހަމަހަމަކަމާއި ތަޖުރިބާ ހިމެނެ އެވެ.
ސަރުކާރުން މީގެ ކުރިން ބުނި ގޮތުގައި ދައުލަތުން މީޑިއާތަކަށް މާލީ އެހީ ދޭން ނިންމީ މީޑިއާތައް ބާރުވެރިކޮށް، މާލީ މިނިވަންކަން ހޯދައިދީ، ނުފޫޒުން އެއްކިބާކޮށް، ޒިންމާދާރު ބަޔަކަށް ހެދުމުގެ މަގުސަދުގަ އެވެ. މީޑިއާތަކަށް ބަޖެޓުން ދޫކުރަނީ ޖުމުލަ ބަޖެޓުގެ 0.1 އިންސައްތަ އެވެ.
ހުޅުމާލޭން ދޫކުރި ގޯތިތަށް ސަރުކާރަށް ނަގަން ފަލާހު ގޮވާލައިފި
ޖޭއެސްސީގެ މެމްބަރުކަމަށް ހުސްނީ އައްޔަންކޮށްފި
"މޫޑް" ބަދަލުވަނީ މޫސުމުގެ ސަބަބުންތަ؟