ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި ކިންގްސް ކެޕިޓަލްގެ މަސްލަހަތު އޮންނަ އަލްހާން ފަހުމީއާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެކުމުގެ ދައުވާތައް އަނބުރާ ގެންގޮސްފި އެވެ.
އަލްހާނާއި ސަހުބާން ފަހުމީ އާއި ޝަޒުބާން ފަހުމީގެ މައްޗަށް ދައުލަތުން ޓެކުމުގެ 13 ދައުވާއެއް އުފުލީ އެ އާއިލާގެ ހިއްސާ އޮންނަ ކުންފުނިން ސްކީމެއްގެ ދަޅަ ދައްކައިގެން މީހުންގެ އަތުން ފައިސާ ހޯދައި އަނބުރާ ނުދޭ ކަމަށް ބުނާ މައްސަލާގަ އެވެ.
މި މައްސަލައިގައި 13 މީހަކަށް ގެއްލުންވެފައިވާ ކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފަ އެވެ. އެހެންވެ، އެ މައްސަލައިގައި އަލްހާނާއި އޭނާގެ ދެ ކޮއްކޮއިންގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ ޓެކުމުގެ ކުށުގެ ދައުވާ އެވެ.
ޕީޖީ އޮފީހުގެ ކުރީގެ ނިންމުންތައް ރިވިއުކުރުމަށް ހުޅުވާލި ފުރުސަތުގައި އެ ތިން މީހުންގެ ފަރާތުން ވެސް ވަނީ ދައުވާތައް ރިވިއުކޮށްދިނުމަށް އެދިފަ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ، ތިން މީހުންނަށް ތުހުމަތުކުރެވޭ ކުށާ ގުޅިގެން ބަދަލު ލިބެންޖެހޭ 13 މީހުންނަށް ބަދަލު ދީފައިވާ ކަމަށް އެ މީހުން ބުނެފައިވާ ކަމަށެވެ. އަދި، ފުލުހުންގެ ފަރާތުން އެކަން ސާފުކުރުމުން ވެސް އެކަން ޔަގީންވެފައިވާތީ، މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
"މި މައްސަލާގައި މިހާތަނަށް ކޯޓަށް ހުށަހެޅި ދައުވާތައް [ޓެކުމުގެ ކުށުގެ 13 ދައުވާ] އިތުރަށް ކުރިއަށް ގެންދިއުމުގެ މަސްލަހަތު އޮތް ކަމަށް ނުފެންނާތީ، އެ ދައުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް މި އޮފީހުން ވާނީ ނިންމާފަ އެވެ." ޕީޖީ އޮފީހުން ބުންޏެވެ.
އެ ދައުވާތައް ގެންދިޔަ ނަމަވެސް، މި މައްސަލާގައި ބަދަލު ލިބެން ޖެހޭ އިތުރު މީހުންގެ ބައިތައް ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް ވެސް ޕީޖީން ބުންޏެވެ. އެ ބައިތަކުގެ ތަހުގީގު ނިންމައި ހުށަހެޅުމުން، ދައުވާކުރުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށް ވެސް ބުންޏެވެ.
ދައުލަތުން ތުހުމަތުކޮށްފައިވާ ގޮތުގައި، ކިންގްސްއިން 2021 އަދި 2022 ވަނަ އަހަރު ތެރޭގައި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ އެކި ޕެކޭޖްތަކުން މާލީ މަންފާއެއް ހޯދައިދޭނެ ކަމަށް ދެއްކުމުން އެކި މީހުން 98 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިންވެސްޓް ކުރި އެވެ.
ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ 13 ދައުވާއަކީ، އެ ކުންފުންޏަށް އިންވެސްޓްކުރި 13 މީހަކަށް ފައިސާ ނުދީ، ނުވަތަ އެ ފައިސާއިން ކޮށްދޭނެ ކަމަށް އެއްބަސްވި ކަންކަން ކޮށްނުދީ 'ފައިސާ ޓަކައިގެންފައިވާތީ' ހުށަހަޅާފައިވާ ދައުވާތަކެއްކަން، ޕީޖީ އޮފީހުން ފާހަގަކޮށްފައިވެ އެވެ.
އެ ސްކީމަށް އެކި މީހުން 98 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ އިންވެސްޓްކޮށްފައިވެ އެވެ.
ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު ދިރާގުން ހުޅުވައިލައިފި
ބޮޑު ކޮރަޕްޝަނެއް ފަޅާއަރައި ފުލުހުންގެ ބަޔަކު ސަސްޕެންޑްކޮށްފި