އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މިއަދު ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓަކީ އިގްތިސާދުގެ އަސާސްތަކާއި އިޖުތިމާއީ ހަގީގަތްތަކާ ދުރު ބަޖެޓެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ސަރުކާރުން މި އަހަރު ބަޖެޓް ސަޕޯޓަށް ހަތް ބިލިއަން ހޯދަން މަސައްކަތް ކުރި ނަމަވެސް، ބޭރުގެ އެއްވެސް މާކެޓަކުން ވެސް ދޭދޭ ގައުމުތަކުން ވެސް ރާއްޖެއަށް އެހީގެ ގޮތުގައި ލޯ ލާރިއެއް ވެސް ނުލިބޭ ކަމަށެވެ. އަދި އެކަމުން ރަމްޒުކޮށްދެނީ ރާއްޖޭގެ އިގްތިސާދީ ސިޔާސަތާއި ޚާރިޖީ ސިޔާސަތު ވެސް ފެއިލްވެފައި އޮތްކަން ކަމަށް، ޝާހިދު ވިދާޅުވި އެވެ.
"ސަރުކާރުން މިއަދު ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓަކީ ސާފު އަމާޒެއް ނެތް، އިގުތިސާދުގެ އަސާސްތަކާއި އިޖުތިމާއީ ހަގީގަތްތަކާ ދުރު ބަޖެޓެއް،" ޝާހިދުގެ ޕޯސްޓުގައިވެ އެވެ.
އޭނާ ވިދާޅުވީ، އެކި ހިދުމަތްތަކާއި ތަކެތީގެ އަގުތައް އުފުލި، ވިޔަފާރިތައް ކުރިނާރާތީ އާންމުންނަށް ދަތިތައް ދިމާވެފައިވާއިރު، މިއަދު ހުށަހެޅި ބަޖެޓުން، އަންނަ އަހަރު އާންމުންގެ ހާލަތު ރަނގަޅުވާނެ ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށެވެ.
އެހެންކަމުން ދިވެހިރާއްޖޭގެ ތަރައްގީގައި މި އަހަރެކޭ އެއްގޮތަށް އަންނަ އަހަރު ވެސް ގެއްލޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ސަރުކާރުން މިއަދު ހުށަހެޅީ މިއަހަރު ތަންފީޒުކުރަމުން އަންނަ 56.6 މިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ 7.6 މިލިއަން ރުފިޔާ ބޮޑު ބަޖެޓެކެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު އެހާ ބޮޑަށް ބޮޑުވީ އަންނަ އަހަރު ރެކޯޑު މިންވަރެއް ދަރަނި ދައްކަން ހޭދަކުރަން ޖެހޭތީ އެވެ. އެގޮތުން، އަންނަ އަހަރު އެކަނި ޖުމުލަ 1.1 ބިލިއަން ޑޮލަރު ދަރަނި ދައްކަން ހޭދަކުރަން ޖެހެ އެވެ.
މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓަކީ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަކުރުމަށް ގިނަ ފިޔަވަޅުތަކެއް ހިމަނާފައިވާ ބަޖެޓެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުން ރައްޔިތުންގެ އާންމު ދިރިއުޅުމާ ގުޅިފައިވާ ސިއްހަތު، ތައުލީމު އަދި ހަކަތަ ފަދަ މުހިންމު އަސާސީ ޚިދުމަތްތަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ގެނެސްދޭނެ ކަމަށެވެ. އަދި ހަމައެހެންމެ އަންނަ އަހަރުގެ ބަޖެޓަކީ ގައުމީ ތަރައްގީގެ މުހިންމު ލަނޑުދަނޑިތަކަށް ހަގީގީ ކުލަވަރު ގެނުވާނެ ފަދަ ބަޖެޓެއް ކަމަށް ވިދާޅުވި އެވެ.
އަންނަ އަހަރު ބަޖެޓަށް އާމްދަނީ ހޯދަން ރާވާފައިވާ ގޮތުގެ ތަފްސީލު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ބޭރުގެ ފަރާތްތަކުން ލޯނުގެ ގޮތުގައާއި، ބޮންޑް ނުވަތަ ސުކޫކް ފަދަ ތަކެތި ވިއްކައިގެން އަދި މަލްޓިލެޓަރަލް ނުވަތަ ބައިލެޓަރަލް ފައިނޭންސިންގެ ގޮތުގައި ޖުމުލަ 16.8 ބިލިއަން ރުފިޔާ ހޯދުމަށް ރާވައިފައިވާ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި ސަރުކާރުން ތާރީހީ ބިޔަ ބަޖެޓެއް ހުށަހަޅާއިރު މި އަހަރު ހުށަހެޅި ބަޖެޓުގައި ހުރި ގިނަ ކަންކަން ވެސް ތަންފީޒުކޮށްފައެއް ނުވެ އެވެ. އެގޮތުން، މާލީ އިސްލާހީ ފިޔަވަޅުތަކުން 7.7 ބިލިއަން ރުފިޔާ ސަލާމަތްކުރަން ބަޖެޓުގައި ހިމެނި އެވެ. އެކަމަކު، އެއިން އެއްވެސް ކަމެއް ސަރުކާރުން ތަންފީޒެއް ނުކުރެ އެވެ.
މީގެ އިތުރުން މި އަހަރު ހިލޭ އެހީއަށް 2.59 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި އޮތް ނަމަވެސް، މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ލިބިފައި ވަނީ އެންމެ 270 މިލިއަން ރުފިޔާ އެވެ.
ރައީސް މުހައްމަދު މުއިއްޒު ވަނީ އަންނަ އަހަރުގެ ބަޖެޓުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ސިއްހީ ދާއިރާއަށް ކަމަށް ވިދާޅުވެފަ އެވެ. މި އަހަރުގެ ބަޖެޓުން އެންމެ އިސްކަމެއް ދިނީ ބޯހިޔާވަހި ކަމަށެވެ. އަދި ބަޖެޓަށް ނަން ދިނީ ވެސް ބޯހިޔާވަހިކަމުގެ ބަޖެޓުގެ ގޮތުގަ އެވެ.
އެކަމަކު، ހިސާބުތަކުން އެނގޭ ގޮތުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖެހި 1.8 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ހަރަދުކުރީ އެންމެ ނުވަ އިންސައްތަ އެވެ.
 ޔަހޫދީން ވައިގެން ހަމަލާތަކެއް ދީ 100 މީހުން ޝަހީދުކޮށްލައިފި
			ޔަހޫދީން ވައިގެން ހަމަލާތަކެއް ދީ 100 މީހުން ޝަހީދުކޮށްލައިފި
		 ބީޓީއެސް އިންޑިއާއަށް އަންނަނީ!
			ބީޓީއެސް އިންޑިއާއަށް އަންނަނީ!
		 އެވޯޑް ގަތީ ކަމަށް ތުހުމަތު ކުރުމުން އަބީޝޭކް ބުނީ ކީކޭ؟
			އެވޯޑް ގަތީ ކަމަށް ތުހުމަތު ކުރުމުން އަބީޝޭކް ބުނީ ކީކޭ؟
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					 
					