ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއްގައި ހުރި ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ އެންމެ ފަހުން ހޮސްޕިޓަލަށް ބަދަލު ކޮށްފި އެވެ.

ރަޝިއާގެ ޖަލުތަކާ ބެހޭ އިދާރާއިން ބުނީ 44 އަހަރުގެ ނަވަލްނީ ވަނީ ސަރަހައްދީ ޖަލު ހޮސްޕިޓަލަކަށް ބަދަލުކޮށް ފަރުވާ ދޭން ފަށާފަ އެވެ. އަދި އޭނާގެ ހާލު ގޯސް ނޫން ކަމަށާއި އޭނާގެ ރުހުމާއެކު ވިޓަމިންގެ ފަރުވާ ދެމުން އަންނަ ކަމަށެވެ.

ނަވަލްނީ ގެ ވަކީލުން ބުނީ ނަވަލްނީ ހޮސްޕިޓަލަށް ގެނެވުނު ކަމުގައި ވިޔަސް އޭނާ އާ ބައްދަލުކުރުމުގެ ފުރުސަތު ނުލިބޭ ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށެވެ. ނަވަލްނީއަށް ތާއީދުކުރާ އެކްޓިވިސްޓުން ވަނީ މިކަމާ ދެކޮޅަށް ގައުމީ ފެންވަރުގެ އިހުތިޖާޖެއް ކުރަން ނިންމާފަ އެވެ.

ފާއިތުވެދިޔަ ޖެނުއަރީ މަހު ޖާމަނީ އިން ރަޝިއާއަށް އައުމުން ހައްޔަރު ކުރި ނަވަލްނީ ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ފަށާފައި ވަނީ އެކަށީގެންވާ ސިއްހީ ފަރުވާ އޭނާއަށް ނުލިބޭ ކަމަށް ބުނެ އެވެ.

ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ މި ތުހުމަތު ދޮގުކޮށް އެއީ އޭނާ މީޑިއާގެ ސަމާލުކަން ހޯދަން ކުރާ ކަމެއް ކަމަށް ބުނެފަ އެވެ.

އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ވިދާޅުވީ ނަލްވަނީ ޖަލުގައި މަރުވެއްޖެ ނަމަ ރަޝިއާ އިން އެކަމުގެ ހިތި ދެކޭނެ ކަމަށެވެ.

ނަވަލްނީގެ މައްސަލައިގައި ދުނިޔޭގެ ގިނަ ގައުމުތަކަކުން ވަނީ ނަވަލްނީގެ ސިއްހަތަށް ނޭދެވޭ އަސަރެއް ކޮށްފިނަމަ ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް އިންޒާރު ވެސް ދީފަ އެވެ. -- ރޮއިޓާސް