ކަދުރަކީ އަހަރުމެންގެ މާތްވެގެންވާ އިސްލާމް ދީނުގައި ވެސް މާތް ކުރައްވާފައިވާ ބާވަތަކަށް ވާއިރު އެކަމުން އެނގިގެންދަނީ އެއިން ލިބޭ ފައިދާތައް ގިނަ ކަމެވެ.

ކަދުރުން ލިބޭ އެކި ފައިދާތައް ސައިންސްގެ އަލީގައި ސާބިތުވަމުން އަންނައިރު މިފަހަރު މި އަލިއަޅުވާލަނީ ހެނދުނު ހޭލުމަށްފަހު ހައިބަނޑާ ކަދުރު ކެއުމުން ލިބޭ ފައިދާތަކަށެވެ.

ހަޖަމު ކުރުމުގެ ނިޒާމު ރަނގަޅު ކޮށްދޭ

ކަދުރަކީ ފައިބާއިން މުއްސަނދި ވެފައިވާ ބާވަތަކަށް ވާއިރު ހެނދުުނު ހޭލާ ހައެއްކަ ކަދުރު އޮށް ކާލުމުން ބޮޑުކަމުދާން ފަސޭހަވެ ގޮހޮރުގެ ސިއްހަތު ވެސް ރަނގަޅު ކޮށްދެ އެވެ.

ހިތުގެ ދުޅަހެޔޮކަން އިތުުރު ކޮށްދޭ

ކަދުރުގައި ގިނަ އަދަދަކަށް އެކުލެވޭ ޕޮޓޭސިއަމްއާއި މެގްނީސިއަމްއަކީ އެކި ކަހަލަ ހިތުގެ ބަލިތަކުން ދުރުކޮށްދޭ މާއްދާތަކެއް ކަމަށް ސައިންސްވެރިން ބުނެ އެވެ.

ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ

އުމުރުން ދޮށިވާ ވަރަކަށް އާއްމު ބަލިތަކަށް ހުށައެޅުމުގެ ފުރުސަތު ބޮޑުވާއިރު ކަދުރުގައި އެކުލެވޭ އެންޓި އޮކްސިޑެންޓްސްގެ ސަބަބުން ދިފާއީ ނިޒާމު ވަރުގަދަ ކޮށްދީ މިފަދަ ބަލިތަކުން ދުރުކޮށްދެ އެވެ.

ކަށިތަކުގެ ސިއްހަތު ރަނގަޅު ކޮށްދޭ

ކަދުރުގައި ގިނަ އަދަދަކަށް ކެލްސިއަމްއާއި ފޮސްފަރަސް އެކުލެވޭއިރު ގަވާއިދުން ހައިބަނޑާހުރެ ކަދުރު ކެއުމަކީ ކަށި ފީވުން ފަދަ ކަންކަމުން ދުރުކޮށްދީ ކަށީގެ ސިއްހަތު ރަނގަޅު ކޮށްދޭ ކަމެކެވެ.

ހަނދާން ގަދަ ކޮށްދޭ

މާހިރުން ވިދާޅުވާ ގޮތުގައި ކަދުރަކީ ސިކުނޑީގެ މަސައްކަތްތައް ރަނގަޅު ކުރަން އެހީވެދޭ ބާވަތެއް ކަމުން އެ ކާނަމަ ހަނދާން ގަދަ ކޮށްދެ އެވެ.