ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. .
ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއު އެސްއީޒެޑް ގާނޫނަށް މިދިޔަ މަހުގެ 20 ވަނަ ދުވަހު ހުށަހެޅުއްވީ ސަސްޓެއިނެބަލް ޓައުންޝިޕް ގެ ތަފުސީލުތައް ހިމަނައި، ގާނޫނަށް ބާބެއް އިތުރުކުރުމަށެވެ.
އެ އިސްލާހުގައިވާގޮތުން ސަސްޓެއިނެބަލް ޓައުންޝިޕެއް ތަރައްގީކުރާނަމަ އިންވެސްޓަރުން ބައި ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އިންވެސްޓްމެންޓެއް ކުރަންޖެހެ އެވެ.
އެ ބިލު ދިރާސާކުރުމަށް އިއްޔެ ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި، ބިލު ދިރާސާކުރަން އިތުރު ވަގުތު ބޭނުންވާ ކަމަށް އެމްޑީޕީން ބުންޏެވެ. އަދި މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އާއި ޓޫރިޒަމް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން އާންމުންނާއި ސްޓޭކްހޯލްޑަރުންގެ ޚިޔާލު ހޯދައި ބިލު ދިރާސާކުރުމަށްފަހު ފާސްކުރުމަށް ވެސް އެ ޕާޓީން އެދުނެވެ.
އެހެންނަމަވެސް، މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ، ވެރިކަން ކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ، ރާއްޖޭގެ އިގުތިސާދީ ހާލަތު މިހާރު އޮތްގޮތުން އެ ބިލު ވީ އެންމެ އަވަހަށް ފާސްކުރުން މުހިންމު ކަމަށެވެ. އަދި އެމްޑީޕީން މަސައްކަތްކުރަނީ ގައުމަށް މަންފާހުރި ކަންކަން ލަސްކުރުމަށް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
އެއަށްފަހު، ޕީއެންސީގެ 55 މެންބަރުންގެ ވޯޓުން، މުޅި މަޖިލީހުގެ ކޮމިޓީން ބިލް ފާސްކުރި އެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ ނުވަ މެންބަރުންނެވެ.
އެ ބިލުގެ މަސައްކަތް ނިމުމުން، ކޮމިޓީ ރިޕޯޓު މިއަދު ތަޅުމަށް ހުށަހެޅި އެވެ. އެ ބިލް ފާސްކުރަން 46 މެންބަރުން ވޯޓު ދެއްވިއިރު، ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 10 މެންބަރުންނެވެ.
އެ ބިލުގައިވަނީ، ސަސްޓެއިނެބަލް ޓައުންޝިޕެއްގައި ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތައް ހިމެނޭހެން ލާޖް ސްކޭލް ރިއަލް އެސްޓޭޓެއް އެ ޒޯނުގައި ތަރައްގީކުރަން ޖެހޭކަމާއި، ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލިޓީ ތަމުރީނުދޭ މަރުކަޒަކާއި ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލެއް އެ ތަނުގައި ތަރައްގީކުރަން ޖެހޭކަން ބަޔާންކޮށްފަ އެވެ.
ހަމަ އެހެންމެ ސަސްޓެއިނެބަލް ޓައުންޝިޕެއް ހިންގުމަށް ބޭނުންވާ ހަކަތައިގެ މަދުވެގެން 60 ޕަސެންޓު އިއާދަކުރުވަނިވި ހަކަތައަށް ވާން ޖެހޭނެ ކަމާއި، ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތި މަދުކޮށް، ކާބޯތަކެތި އުފެއްދޭނެ ވަސީލަތްތައް ގާއިމުކުރަން ޖެހޭނެ ކަމަށް ވެސް ޝަރުތުތަކުގައިވެ އެވެ.
އަދި، ސަސްޓެއިނެބަލް ޓައުންޝިޕެއް ތަރައްގީކުރާ އިންވެސްޓަރުންނަށް އިނާޔަތްތައް ލިބޭނެ ގޮތާއި ޓެކުހުގެ ގޮތުގައި ސަރުކާރުން ނަގާނެ އަދަދު ވެސް މި ގާނޫނަށް އިތުރުކުރަން ހުށަހެޅި ބާބުގައި ހިމަނާފައިވެ އެވެ.
ބިޑަކާ ނުލައި މެންބަރު ސައުދުﷲގެ ކުންފުންޏަށް ވެސް މަޝްރޫއުތަކެއް
ބީއެމްއެލްގެ އެހީތެރިކަމާ އެކު ވަރަ އެކްސްޕޯ ފަށައިފި
ބޯހިޔާވަހިކަމުގެ މަޝްރޫއަށް ބިލިއަނެއްހައި ރުފިޔާ