އިޒްރޭލުގެ އާއްމު ތަންތަނުގައި މާސްކު ނާޅާ އުޅުން ހުއްދަ ކުރުމާއެކު އެ ގައުމުގައި ދިރިއުޅުން އާއްމު ހާލަތަށް ރުޖޫއަވާކަމުގެ އުއްމީދު އާވެއްޖެ އެވެ.
މާސްކު އެޅުން ލާޒިމު ކުރިތާ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން މި ނިންމުން ބަދަލު ކުރީ އާދީއްތަ ދުވަހު ވަކި އުމުރުފުރައެއް ނެތް ގޮތަށެވެ.
މި ނިންމުމާއެކު ވެސް އާއްމު އެއުވުންތަކުގަ އާއި ބެދިފައި ހުންނަ ތަންތަނުގައި ގިނަ މީހުން އެއްވެ އުޅޭނަމަ، އަދިވެސް މާސްކު އަޅަން ޖެހެ އެވެ.
މި ނިންމުމަކީ އެ ގައުމުގައި ހިންގި ވެކްސިން ކެމްޕެއިންގެ ދަށުން ގިނަ ބަޔަކު ވެކްސިން ޖަހައި ބައްޔަށް އިމިއުންވުމުގެ ސަބަބުން މަގުފަހުވި ނިންމުމެއް ކަމަށާއި މިހާރު އެ ގައުމުގެ ހާލަތު އޮތީ ޕެންޑެމިކްގެ ކުރިން އޮތް ހާލަތަށް ރުޖޫއަވާން ތައްޔާރުވެފައި ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.
އިޒްރޭލުގައި މިހާތަނަށް ފަސް މިލިއަން މީހުން ވެކްސިންގެ ހުރިހާ ޑޯޒްތަކެއް ފުރިހަމަ ކޮށްފައިވާއިރު މިއީ އެ ގައުމުގެ ޖުމްލަ އާބާދީގެ ދެބައިކުޅަ އެއްބަ އެވެ. އާބާދީގެ ބޮޑު ބައެއް ވެކްސިން ފުރިހަމަ ކޮށްފައިވާއިރު އުމުރުން 16 އަހަރަށްވުރެ ހަގު ކުދިންނަށް ވެކްސިން ދޭން އަދި ނުފަށާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އިޒްރޭލުގެ ހާލަތު މަޑުމަޑުން ރަނގަޅު ވަމުން އަންނައިރު އެ ގައުމަށް އޮތް އެންމެ ބޮޑު ބިރަކީ ކޮވިޑް-19ގެ އާ ވޭރިއަންޓްތައް ކަމަށް ސިއްޙީ އޮފިޝަލުން ބުނެ އެވެ.
މި ސަބަބަށްޓަކައި އަންނަ މެއި މަހު ފަތުރުވެރިކަމަށް ބޯޑަރު ހުޅުވާލާއިރު ފަތުރުވެރިންނަށް އެގައުމަށް ވަދެވޭނީ ވެކްސިން ފުރިހަމަ ކޮށްފައި ވާނަމަ އެވެ. -- އަލް އަރަބިއްޔާ