މާލޭ ހުކުރު މިސްކިތުގެ މުންނާރު އުވަލައި، ސާފުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ނިންމާލައިފި އެވެ.

މިއީ މާލޭ ހުކުރު މިސްކިތާއި މެދުޒިޔާރަތް ސާފުކޮށް، ޒީނަތްތެރިކުރުމަށް މިނިސްޓްރީ އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން ކުރިއަށްގެންދާ މަސައްކަތުގެ ދަށުން ސްޓެލްކޯގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މަސައްކަތެކެވެ.

މާލޭ ހުކުރު މިސްކިތުގެ މުންނާރާއި މެދު ޒިޔާރަތުގެ އާބާތުރަ ފިލުވައި ސާފުކުރުމުގެ މަސައްކަތް، ހެރިޓޭޖް މިނިސްޓްރީ އާއި ސްޓެލްކޯ ގުޅިގެން ފެށީ މިމަހުގެ ހަ ވަނަ ދުވަހު އެވެ.

ސްޓެލްކޯއިން އެކަން ކޮށްދެނީ އެ ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުންނެވެ.

ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ، މިފަދަ ތަންތަނަކީ ރާއްޖޭގެ އިސްލާމީ ތާރީޚާއި ތަރިކައިގެ ފަންނު ފެންނަ މުހިންމު ބިނާތަކެއް ކަމަށެވެ. މިފަދަ ބިނާތައް ރައްކާތެރިކޮށް ބެލެހެއްޓުމުގައި އަމިއްލަ ކުންފުނިތަކާއި ޖަމިއްޔާތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޔުމްނާ ވަނީ ސްޓެލްކޯއިން އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން އެ މަސައްކަތް ފަށާފައިވާތީ، ޝުކުރު އަދާކުރައްވާފަ އެވެ.

ސްޓެލްކޯ އިން މާލޭ ހުކުރު މިސްކިތުގެ މުންނާރު އުވަލައި، ރީތިކުރުމުގެ މަސައްކަތް ހެރިޓޭޖް މިނިސްޓަރު ޔުމްނާ އާއި ސްޓެލްކޯ އެމްޑީ ހަސަން މުޣުނީ ބައްލަވާލައްވަނީ. ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯއިން ބުނީ އެފަދަ މަސައްކަތެއްގައި އެ ކުންފުނިން ބައިވެރިވީ އާސާރީ ބިނާތައް ހިމާޔަތްކޮށް ބެލެހެއްޓުމުގައި ކުންފުނީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. މީގެ ކުރިން ވެސް އެ ކުންފުނިން ވަނީ ހުކުރު މިސްކިތުގެ މުންނާރު ސާފުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފަ އެވެ.

ހުކުރު މިސްކިތު މުންނާރާއި މެދު ޒިޔާރަތް ސާފުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދަނީ ކަމާ ގުޅޭ ފަންނީ މީހުންގެ އެހީތެރިކަމާއެކު އެވެ.