ރާއްޖޭގެ އެންމެ ބޮޑެތި އާބާދީ ހިމެނޭ އެއް ރަށް ކަމުގައިވާ ފުވައްމުލައް ސިޓީގެ ފެން ސަޕްލައި ނެޓްވޯކް ތަޣައްޔަރުވެ، ފެނުގެ ޚިދުމަތް ހުއްޓިފައި އޮތް މައްސަލަ ހައްލުވާނެ ކަމަށް ސަރުކާރުން ބުނި ވަގުތު ފާއިތުވެ ދިޔައިރުގައި ވެސް އެ މައްސަލަ ހައްލުވެފައިނުވާ ކަަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފި އެވެ.
ފުވައްމުލަކަށް ފެނަކައިން ދެމުން އައި ފެނުގެ ޚިދުމަތަށް މިދިޔަ ހޯމަ ދުވަހުން ފެށިގެން ވަނީ ބުރޫއަރައިފަ އެވެ. ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު އިއްޔެ ހަވީރު ވަނީ އެ މައްސަލަ ހައެއްކަ ގަޑިއިރުގެ ތެރޭގައި ހައްލު ވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެހެން ނަމަވެސް ފެނުގެ މައްސަލައަށް މިއަދާ ހަމައަށް އަދިވެސް ހައްލު ލިބިފައި ނުވެ އެވެ. ރަށުގެ ފެނުގެ ނެޓްވޯކު، އިއްޔެގެ ވަގުތެއްގައި ސާފުކުރި ނަމަވެސް އަދިވެސް އަލުން ފެނުގެ ޚިދުމަތް ލިބޭނެ އިރެއް އެކުންފުންޏަކަށް ބުނެނުދެވެ އެވެ. މިއަދު ހަވީރުގެ ވަގުތެއްގައި ފެނުގެ ޚިދުމަތް ލިބޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.
އެ ސިޓީއަށް ފެނުގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކައިން އެންމެ ފުރަތަމަ ހޯމަ ދުވަހު ސޯޝަލް މީޑިއާގައި ނެރުނު ނޯޓިސްއެއްގައި ވަނީ، ފެން ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މެއިން ޑިސްޓްރިބިއުޝަން ލައިނެއްގައި ލީކެއް އުޅޭތީ އެ ދުވަހުގެ މެންދުރު 13:00އިން 18:00އަށް މުޅި ރަށުން ފެނުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށެވެ.
އޭގެފަހުން ފެނަކައިން ސޯޝަލް މީޑިއާގައި ނެރުނު އިތުރު ނޯޓިސްއެއްގައި ވަނީ، ފެނުގެ ނެޓުވޯކު ސާފުކުރުމަށް ޓަކައި، ފެނުގެ ނެޓްވޯކަށް ކްލޮރިން އަޅަމުންދާ ކަމަށެވެ.
ފެން ނުލިބި ލަސްވެ ރައްޔިތުންނަށް ދަތިތައް ދިމާވަމުން އަންނައިރު އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ގޮސްފައި އޮތް ހިސާބުގެ ތަފްސީލު ދެއްވަމުން ތަރުޖަމާނު ހީނާ ވަލީދު އިއްޔެ ވިދާޅުވީ، ފުވައްމުލަކުގެ ފެން ސަޕްލައި ތަޣައްޔަރުވުމާ ގުޅިގެން ފެނަކައިގެ ފަރާތުން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިތީ (އެމްއެފްޑީއޭ)އާއި ހެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ)ގެ އިރުޝާދާއެކު މުޅި ޕައިޕްލައިން ސްޓެންޑަޑާ އެއްގޮތަށް ޑިސްއިންފެކްޓްކޮށްފައިވާ ކަމަށެވެ. އަދި ފެން ރައްކާކުރާ ތާނގިތައް ސާފުކޮށް، ފްލަޝްކޮށް، ފެން އުފެއްދުމުގެ މަސައްކަތް އަލުން ފަށައިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
ހީނާ ވިދާޅުވީ ކަނޑާއި ވައިގެ މަގުން ފުވައްމުލަކަށް ފެން ފޯރުކޮށްދިނުމުގައި ސިފައިން ހަރަކާތްތެރިވި ކަމަށެވެ.
ކުއްލިއަކަށް މިފަދަ ބޮޑު މައްސަލައެއް ދިމާވެފައިވާއިރު ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމާއި ނުރުހުން އަންނަނީ ސަރުކާރަށް އަމާޒުވަމުންނެވެ.
ދީޕިކާގެ ދަބަސް ކަލެކްޝަނަށް ނަޒަރެއް!
ފުވައްމުލަކަށް ބޯފެން ލިބޭނެ އިންތިޒާމު ހަމަޖައްސަން ގޮވާލައިފި