ފުވައްމުލަކަށް ފެނަކައިން ދޫކުރާ ފެން ރައްކާތެރި ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފައިވީ ނަމަވެސް ބައެއް ގެތަކަށް ލިބޭ ފެން ސާފު ނުވުމުން އެ މައްސަލަ ފުވައްމުލަކު ކައުންސިލުން ހެލްތު މިނިސްޓްރީގެ ކަމާ ގުޅުންހުރި އިދާރާތަކަށް ހުށަހަޅައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑެތި އާބާދީތައް ދިރިއުޅޭ ރަށްތަުގެ ތެރޭގައި ހިމެނޭ ފުވައްމުލަކަށް ފެނުގެ މައްސަލަ ކުރިމަތިވެ، ރަށުގެ ރަށްޔިތުންނަށް ސާފު ފެންފޮދެއް ނުލިބޭތާ މިހާރު ވަނީ އެތަކެއް ދުވަސްތަކެއް ވެފަ އެވެ.
ފުވައްމުލަކުގެ ފެނުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑި، ފެނަށް ޖެހުނީ މިދިޔަ ހޯމަ ދުވަހެވެ. ފެން ތަޣައްޔަރުވުމުގެ އިތުރުން ފެނުގެ ވިއުގައިން ފެން ލީކުވުމުގެ މައްސަލަ ވެސް ފުވައްމުލަކުގެ ފެނުގެ ނެޓްވޯކަށް މެދުވެރިވެފައިވާ ކަމަށް އެރަށަށް ފެނުގެ ހިދުމަތްދޭ ފެނަކައިން މީގެ ކުރިން ބުންޏެވެ.
އޭގެ ފަހުން އެ ރަށަށް ފެން ދޫކުރަން ފެށީ ބުރާސްފަތި ދުވަހެވެ. އެ ފެނުގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ކަންބޮޑުވުން އުފެދިފައި ވަނިކޮށް އެމްއެފްޑީއޭ އިން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ، އެކި ސަރަހައްދުތަކުން ފެން ނަގައިގެން ތަހުލީލުކޮށްފައިވާ ކަމަށެވެ. އެ ތަހުލީލުތަކުގެ ނަތީޖާއާ ހަވާލާދީ ބަޔާނުގައި ބުނީ، އެ ފެނަކީ ސިއްހަތާ ބެހޭ ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ފެނުގެ މިންގަނޑަށް ފެތޭ ފެނެއް ކަމަށެވެ.
އެ ބަޔާން ނެރުނު ފަހުން ރަށުގެ ބައެއް ރައްޔިތުން ވަނީ، ބިއްލޫރި ތަށިތަކަށް ސަޕްލައި ފެން އަޅައި، ފެން ނުސާފުކަން ހާމަވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
އެކަމާ ގުޅިގެން ފުވައްމުލަކު ސިޓީ ކައުންސިލުން މިއަދު ބުނީ ފެނަަކައިން މިހާރު ގާތްގަނޑަކަށް މުޅި ރަށަށް ފެން ދޫކޮށް ނިމިފައިވާ ކަމަށާއި ނަމަވެސް އިއްޔެ އިން ފެށިގެން އެކި ގެތަކަށް ލިބޭ ފެނުގެ ކުލަ ތަފާތު ކަމަށެވެ. އެގޮތުން ބައެއް ގެތަކުގެ ފެން ސާފު ނަމަވެސް އެހެން ގެތަކަށް ލިބޭ ފެން ނުސާފު ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.
ސިއްހީ ގޮތުން ފެނުގެ ސައްހަކަން ކަށަވަރުކުރަން ކައުންސިލުން ބޭނުންވާ ކަން އެމްްއެފްޑީއޭއަށް ފުވައްމުލަކު ކައުންސިލުން ވަނީ އަންގާފަ އެވެ. އަދި ކައުންސިލުން ވަނީ އަމިއްލައަށް ސާމްޕަލް ނަގައި ޓެސްޓްކުރަން މަޝްވަރާ ކޮށްފައިވާ ކޮށްފަ އެވެ.
ފުވައްމުލަކު ކައުންސިލުން މިހާރު ވަނީ އެމްއެފްޑީއޭ ހިމެނޭހެން ކަމާ ގުޅުންހުރި އިދާރާތަކަށް މި މައްސަލަ ހުށަހަޅާފަ ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފަ އެވެ.
ފުވައްމުލަކަށް ފެނުގެ ހިދުމަތް ފޯރުކޮށްދޭ ފެނަކައިން ބުނާ ގޮތުގައި، ފެން ތަޣައްޔަރުވީ އެ ރަށުގެ ބައެއް ކަސްޓަމަރުން ކްރޮސް ކަނެކްޝަން ހަދާފައި ވާތީ އެވެ. ފާއިތުވީ ތިން ދުވަހުން ފެށިގެން ފެނަކައިން ދަނީ އަދިވެސް އެ ރަށުގައި ކްރޮސް ކަނެކްޓިވް ފެނުގެ ނެޓްވޯކް އަޅާފައިވާ ގެތައް އިންސްޕެކްޓު ކުރަމުންނެވެ.
ފެނުގެ މައްސަލަ ދިގުލައިގެން ގޮސްފައި ވަނީ މިހާރު އެ ރަށުގައި ހުރި 500 ޓަނުގެ ދެ ފެން ޕްލާންޓް އަޕްގްރޭޑް ނުކުރުމާއި ގަވައިދުން މާރާމާތު ނުކުރާތީ ކަމަށް އެ ރަށުގެ ކައުންސިލުން ބުނެ އެވެ.
ފެން ނުލިބުމުގެ މައްސަލަ އެއްކޮށް ހައްލުވާން ހައެއްކަ ގަޑިއިރު ނަގާނެ ކަމަށް ސަރުކާރުން އަންގާރަ ދުވަހުގެ މެންދުރުފަހު ބުނި ނަމަވެސް، އޭގެ ފަހުން ވެސް ފެން ނުލިބޭ މައްސަލަ ހައްލު ނުވެ ދިގު ލައިގެން ދިޔަ އެވެ. އެހެންވެ ފުވައްމުލަކުގެ ބައެއް އާންމުން ވަނީ އެކަމާ ގުޅިގެން ފުވައްމުލަކުގެ ފެން ޕްލާންޓް ކުރިމަތީގައި އިހުތިޖާޖުކޮށްފަ އެވެ.
ފުވައްމުލަކު ފެން މިހާރު ރައްކާތެރިވާނެ: އެމްއެފްޑީއޭ
އަރޫގެ ރަހަތަކުން އަރުތެރެ ފުރާލައިފި!
ރޯޑް ރޭސްގެ ވަނަތަކަށް ދިޔަ ފަރާތްތަކަށް ދިރާގުން އިނާމު ދީފި